ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅިގެންދާ ގޮތަށް މާލީ ދަތިކަމުން އަރައިިގަތުމަށްޓަކައި ބައިނަލްއަގުވާމީ މާލީ މުއައްސަސާއެއްގެ ޕްރޮގްރާމެއްގައި ރާއްޖެ ބައިވެރިނުކުރާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް އިސްލާހުތައް ގެނައުމުގެ މަސައްކަތްތަކުގެ ތެރޭގައި އެއްވެސް މިސްޓޭކެއް ހަދާފައިނުވާކަމަށެވެ. އަދި މިހާތަނަށް ރާއްޖެ ބަނގުރޫޓުނުވެ އޮތީ އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް ވިސްނުންތެރިކަމާއިއެކު އަޅަމުން އައިސްފައިވުމުންކަމަށް ހިއްސާކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ބައެއް އެހެން ގައުމުތަކުންވަނީ މާލީ ދަތިތައް ކުރިމަތިވެގެންދިއުމުން އެހާލަތުން އަރައިގަތުމަށްޓަކައި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިކަމަށެވެ. ނަމަވެސް މި ސަރުކާރުން އެފަދަ ކަމެއްގައި ބައިވެރިވާން ބޭނުން ނުވާކަމަށާއި މި ގައުމު އެފަދަ ޕްރޮގްރާމަކާއި ހިސާބަށް ގެންދިއުމަށް އެދިވަޑައިނުގަންނަވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މާލީ މުއައްސަސާއެއްގެ ޕްރޮގްރާމެއްގައި ބައިވެރިވެގެން ރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް ސަސްޕެންޑުކުރަން އެދިވަޑައިނުގަންނަވާކަމަށާއި ރާއްޖެއިން އެފަދަ ޕްރޮގްރާމެއްގައި ބައިވެރިނުވާނެކަން މާލީ މުއައްސަސާތަކުގައި ވިދާޅުވެފައިވާނެކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން ގްރާންޓުތައް ފަދަ ކަންކަން ލިބޭ މިންވަރު މަދުވެފައިވާ ސަބަބުތަކުގެ ތެރޭގައި އެކަން ހިމެނޭކަމަށް އިޝާރާތްކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްގީއާއި ރައްޔިތުންނަށް ހޯދައިދޭންޖެހޭ ކުރިއެރުންތަކަށް ހުރަހަކަށް ވެގެންދާ ގޮތަށް ފާޑުފާޑުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިނުގަންނަވާނެކަމަށެވެ. އެހެންކަމުން ސަރުކާރުން ގައުމު ކުރިއަށް މި ގެންދަނީ އެކަންވެސް ނުކޮށް ގައުމު ބަނގުރޫޓުނުވެ ދަރަނިތައްވެސް ދައްކަމުންކަމަށާއި ކުރިއަށްދާނީ ތަރައްގީތައްވެސް ހާސިލުކުރަމުންކަމަށެވެ.

