މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރީސޯސްގެ ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މިނިސްޓްރީން މިކަމާއި ގުޅިގެން މިއަދު ޝާއިއު ކުރި އުލާނުގައި ބުނެފައިވާ ގޮތުން، އެ މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާން ޝައުގުވެރިކަން ހުރި ފަރާތްތަކުން 6 މޭ ވާ އަންގާރަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ މެއިލް careers@fishagri.gov.mv އީމެއިލް ކުރަންޖެހޭނެ އެވެ.
މިގަމާށް ކުރިމަތިލާ ފަރާތްތަކުން އީމެއިލްއާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި، ފުރިހަމަކޮށްފައިވާ ސިވިލް ސާވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރުގެ އިތުރުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި، ތައްގަނޑު ޖަހާފައިވާ މަތީ ތައުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ހިމެނެއެވެ.
މީގެއިތުރުން، މި މަގާމުގައ އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށް ބަލާލާއިރު، ކަނޑުމަސްވެރިކަމާޢި އެންވެރިކަމާއި ގުޅުންހުރި ހިންގުމުގެ ޕްލޭންތަކުގައިވާ އަމާޒުތަކަށް ވާސިލުވުމަސް އަދި މި ވަސީލަތްތަކާއި ގުޅޭގޮތުން ކުރެވޭ އެކި ދިރާސާތަކުގެ މަސައްކަތްތަކުގައި އަމާޒު ކަނޑައަޅައި، އަމާޒަށް ވާސިލުވުމަށް މުވައްޒަފުންނަށް އެހީވުމާއިއެކު، މިނިސްޓްރީން ކުރާ ދިރާސާ މަސައްކަތްތަކަށް އެކަށީގެންވާ ބަޖެޓް ރޭވުމާއި މަސައްކަތްތަކާއި ގުޅޭގތުން ފުރިހަމަކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމުގެ މުވައްޒަފުން އަހުލުވެރިކުރުން ހިމެނެއެވެ.
މިނިސްޓްރީން ކުރިމަތިލުމަށް ހުޅުވައިލައިފައިވާ މަގާމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 3339244 ނުވަތަ 3322625 އަށް ގުޅާލެއްވުމަށް މިނިސްޓްރީންވަނީ އެދިފައެވެ. އަދި އީމެއިލް މެދުވެރިކޮށް careers@fishagri.gov.mv އަށްވެސް ސާފުކުރަންބޭނުންވާ މައުލޫމާތު ސާފުކުރެއްވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނިއެވެ.

