ރާއްޖޭގެ މަސްރަހުގައި ހިނގާ ކޮންމެ ނުރަނގަޅުކަމެއްގެ އަސްލަކީ، ވެރިކަމުގެ ނިޒާމުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފެށުނީއްސުރެ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ރައީސް ނަޝީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޖޭގައި ހިނގަމުންދާ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމަސް އަމަލު ކުރުން ކަމަށެވެ. އަދި ވެރިންގެ އެއްވެސް މައްސަލައެއް ނެތްކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރެވޭނީ ވެސް ވެރިކަން ކުރުމުގެ ނިޒާމަށް ބަދަލު ގެނެސްގެންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެކުރިން ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި، ޕްރިފެރެންޝަލް ވޯޓިންއަކަށް ދިއުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް ތާއީދު ކުރައްވާފަ އެވެ.
ރައީސް ނަޝީދު ސިޔާސީ މައިދާނާއި ވަގުތީ ގޮތުން ދުރަށް ޖެހުމުގެ ކުރިޔަށް 2023 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމްޑީޕީގެ ތެރެއިން ތާއދު ހޯއްދަވައި ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރެއްވި އެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ ކަރުދާސް ހުށަހެޅުއްވި ނަމަވެސް ޕާޓީގެ ތެރޭގައި އޭރު ރައީސް ނަޝީދަށް މާބޮޑު ތައީދެއް ނެތުމުންނާއި ގައުމީ މަޖިލީހުގެ މެޖޯރިޓީ ވެސް ނެތުމުން ގަރާރު އަނބުރާ ގެންދެވީ އެވެ.
މީގެއިތުރުން 19 ވަނަ މަޖިލީހުގައި، މަޖިލީގެ ރައީސަކަށް ހުންނަވައިގެން ވެސް ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމުގެ ތާއީދުގައި ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާނު އެކަމަށް ބޮޑެތި ކެމްޕެއިންތައް ކުރެއްވި ނަމަވެސް، އެ ނިޒާމު ރައީސް ނަޝީދު ބޭނުން ވަނީ ގިނަ ބަޔަކު ދެކޭ ގޮތުން ބޮޑުވަޒީރުގެ މަގާމުގެ ބެނުމުގައި އެކަންޏެވެ. އެހެންވެ ސިޔާސީ ޕާޓީތަކާއި، ލީޑަރުންގެ ތާއީދަށް އެކަމުގައި އެމަނިކުފާނަށް ލިބިފައި ނުވެއެވެ.
ރައީސް ނަޝީދު ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގައި އޮތީ މަސްހުނިވެފައިވާ ނިޒާމެކެވެ. އޭގެ ސަބަބުން ރާއްޖޭގެ ގާނޫނު އަސާސީ ރަނގަޅަށް ތަންފީޒު ނުކުރެވޭކަމާއި، ވަޒީރުން ޖަވާބުދާރީ ކުރުވައި ކޮރަޕްޝަންތައް ހުއްޓުވުމުގައި ދަތިތަކެއް ދިމާވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވެފައި އެވެ. އަދި ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމުގެ ނިޔަތް އޮތް ނަމަ އެކަން ކުރެވޭނީ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ބަރުލަމާނީއެއްގައި އެކަންޏެވެ.

