ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީއޯ)ގެ މުވައްޒަފުންނަށް ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގުރާމް(ޔޫއެންޑީޕީ)އިން ޕީޖީއާއި ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ޕީޖީގެ ފަރާތުން ޕްރޮސެކިއުޓާރ ޖެނެރަލް އައްބާސް ޝަރީފާއި ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އެންރިކޯ ގަވޭލިއާއެވެ.
ޕީޖީ އޮފީހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މި އިސްނެންގެވުމަކީ އެ މުއައްސަސާއިން ކުރާ މަސައްކަތުގެ ފެންވަރު އިތުރުކޮށް، މުވައްޒަފުންގެ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއްދީގެން ޖިނާއީ އަދުލުގެ ނިޒާމެއް ގާއިމުކުރުމަށް އެޅޭ ބިންގަލެއްކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން، ޕްރޮސެކިއުޓާރ ޖެނެރަލް ވިދާޅުވީ، މި އިސްނެންގެވުމަކީ ޕީޖީ އޮފީހުގެ ވިޓްނެސް އެންޑް ވިކްޓިމް ސަޕޯޓް ސާވިސް ޔުނިޓް ޓިމުން ކުރިޔަށް ގެންދާކަމެއް ކަމަށެވެ. އަދި މިފަދަ ކަމެއް ކުރެވުމަކީ ޕީޖީ އޮފީހުގެ މަސައްކަތުގެ މާހައުލަށް އެދެވޭ އަސަރެއް ކުރާނެކަމައް ކަމަށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ތެރޭގައި ހިމެނޭ ވިކްޓިމް ސަޕޯޓް ސާވިސް ޔުނިޓަކީ ކުށުގެ ޝިކާރައަކަށްވެފައިވާ މީހުންނާއި ހެކިވެރިނަން އެހީތެރިވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ޔުނިޓެކެވެ. އެއީ، ގާނޫނީ އިރުޝާދާއި، ޖަޒުބާތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކެވެ. އަދި ޝަރީއަތުގެ މަރުހަލާގައި ކުށުގެ ޝިކާރައަށްވެފައިވާ ފަރާތްތަކަށް ބިރުދެއްވުމާއި ބަދަލު ހިފުމުގެ އަމަލުތަކުން ރައްކާތެރިކޮށްދިނުމަށްވެސް މަސައްކަތްކުރެއެވެ. އެހެންކަމުން، ޕީޖީ އޮފީހުގެ މުވައްޒަފުން ކުރާ ގާނޫނީ މަސައްކަތްތަކީ ނަފްސާނީ ގޮތުން ބުރަ މަސައްކަތްތަކަށްވުމުން، އެ މުވައްޒަފުންނަށް ލިބެންޖެހޭ ނަފްސާނީ އެހީތެރިކަމަކީ އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކޮށް، ވަރުގަދަކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.

