ބޭނުންވާ ވަގުތުތަކުގައި ޓެކްސީ ނުލިބި އާންމުންގެ ފަރާތުން ކެނޑިނޭޅި ލިބެމުން ދިޔަ ޝަކުވާތައް ހައްލު ކުރުމަށް ސަރުކާރުން ފެށުމަށް ނިންމީ ޓެކްސީ ލައިންގެ ހިދުމަތަށް ފެށުމަށް އެއްވެސް ދިރާސާއެއް ނުކުރާކަމަށް ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް އިއުލާނު ކުރުމުން، އެކަމަށް ޓެކްސީ ޑްރައިވަރުން ދެކޮޅު ހަދައި އިހުތިޖާޖު ކުރިނަމަވެސް އާންމު ރައްޔިތުން ވަނީ އެ ނިންމެވުމަށް މަރުހަބާ ކިޔާފަ އެވެ.
މާލޭގެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޓެކްސީތައް ހިދުމަތް ދެމުން ގެންދިޔަ ނަމަވެސް، އެންމެ ބޮޑު މައްސަލައަކީ ޑިމާންޑާއި އެއްވަރަށް ހިދުމަތް ނުދެވުމެވެ. އަދި ޓެކްސީ ޑްރައިވަރުން ބައެއް ދަތުރުތަކުން ބޮޑެތި އަގުތައް ނެގުމަށް ޑިމާންޑު ކުރުމާއި މާލެ ތެރޭގެ ދަތުރުތައް ނެގުމަށް ދެކޮޅު ހެދުން ހިމެނެ އެވެ.
އާންމުކޮށް ޓެކްސީ ޑްރައިވަރުން ނަގަނީ، މާލެއިން ހުޅުމާލެއަށް، ނުވަތަ ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކެވެ. އަދި އެއާޕޯޓުން ވެސް އާންމު ގޮތެއްގައި މާލެއަށް ދަތުރުތައް ނުނަގާކަމުގެ ޝަކުވާ ބޮޑެވެ.
މައްސަލަ ހައްލު ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް ސަރުކާރުން ޓެކްސީ ލައިންގެ ތެރެއަށް ވަނުމަށް ވަނީ ނިންމާފަ އެވެ. މި ހިދުމަތް ފެށޭނެ ތާރީހެއްކަމަށް މިނިސްޓްރީން ދީފައި ވަނީ ޖުލައި މަހެވެ.
ހިދުމަތް ފެށުމުގެ ކުރިޔަށް ސަރުކާރުން އެއްވެސް ދިރާސާއެއް ކުރިތޯ ބެލުމަށް މިނިސްޓަރާއި ސުވާލު ކުރުމަށް މިއަދު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) އެވެ. މެމްބަރު އެދިފައި ވަނީ އެމްޓީސީސީގެ ހިދުމަތް ފެށުމުން އެކަމުގެ އެއްވެސް ގެއްލުމެއް ޓެކްސީ ކުރާ ފަރާތްތަކަށް ނުވާނެކަމަށް ބުނެފައިވާތީ އެކަން ސާފުކޮށްދިނުމަށެވެ. އަދި އެގޮތަށް ސަރުކާރުން ބުނަމުން ދަނީ ދިރާސާއެއް ކުރުމަށްފަހު ނަމަ ރިޕޯޓުގެ ތަފްސީލު ހިއްސާ ކުރުމަށް ކުޑޫ ހުށަހެޅުއްވި އެވެ.
ޖަވާބުގައި އަމީން ވިދާޅުވީ ސަރުކާރުން ޓެކްސީ ލައިނުގެ ތެރެއަށް ވަނުމުން، އެ މަސައްކަތް ކުރާ އާންމުނަށް އެއްވެސް ގެއްލުމެއް ނުވާނެކަމަށް މީގެ ކުރިން ވެސް އެކި ފޯރަމްތަކުގައި ފާހަގަކޮށްފައިވާނެކަމަށެވެ. ސަރުކާރުން އެކަމަށް އެއްވެސް ދިރާސާތަކެއް ކުރިތޯއާއި، އަދި ގެއްލުމެއް ނުވާނެކަމަށް ބުނާ ސަބަބު ސާފުކޮށްދިނުމަށް މެމްބަރު އެދިފައިވާތީ އަމީން ވިދާޅުވީ ގަވައިދާއި އެއްގޮތަށް ޓެކްސީ ކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށެވެ.
އެހެންކަމުން މިހާރު ވެސް ޓެކްސީ ކުރަމުން ގެންދާ އަމިއްލަ އެއްވެސް ފަރާތަކަށް ވިޔަފާރީގެ ގެއްލުމެއް ނުވާނެކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ.
އަމީން ވިދާޅުވި ގޮތުގައި ޓެކްސީކޮށް އާމްދަނީ ހޯދާ ފަރާތްތަކުގެ ތެރޭގައި، ހަމައެކަނި އެ މަސައްކަތަށް ބަރޯސާވާ މީހުންނާއި ދިރިއުޅުމުގެ ހަރަދު ހަމަޖެއްސުމަށް އެހެން މަސައްކަތެއް ކުރަން މަޖުބޫރުވެފައި ވާތީ ހުސް ވަގުތުތަކުގައި ޓެކްސީ ކުރާ މީހުން ހިމެނެ އެވެ.
މި ޓެކްސީ ލައިން އަޕަރޭޝަން ބައްޓަންކޮށްފައި ވަނީ ދާއިމީ ޑްރައިވަރުންގެ އިތުރުން.. ފްރީލާންސްކޮށް ވެސް ޓެކްސީ ކުރެވޭ ގޮތަށް.. މިހާރު ދެވަނަ ވަޒީފާއެއް އަދާކުރާ ފަރާތްތަކެއް ވެސް ނުވަތަ އެހެން ވަޒީފާއެއް އަދާކުރާ ފަރާތްތައް ވެސް.. އެހެންވީމަ އެމްޓީސީސީ އުފައްދާ މި އިލެކްޓްރިކް ވެހިކަލް ޓެކްސީ ލައިންގައި ދާއިމީކޮށް ޓެކްސީ ކުރުމުގެ ފުރުސަތު ވެސް އޮންނާނެ.. އަދި ޕާޓްޓައިމްކޮށް ހުސްވަގުތުތަކުގައި، ޓެކްސީ ކުރުމުގެ ފުރުސަތު ވެސް އޮންނާނެ..
އަމީން ވިދާޅުވީ ޓްރާންސްޕޯޓުގެ ހިދުމަތް މާލެ ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ހިސާބުތަކުގައި މީގެ ކުރިން ވެސް ދީފައިވާކަމަށެވެ. އޭގެ ތެރޭގައި އާރުޓީއެލް ފެރީއާއި، ބަހުގެ ހިދުމަތް އަމީން ފާހަގަކުރެއްވި އެވެ. މީގެއިން އެއްވެސް ހިދުމަތެއް ފަށާފައި ވަނީ، ނުވަތަ ގެންދަން ނިންމަނީ އެއްވެސް ތަހުލީލުތަކެއްގެ މައްޗަށް ނޫންކަމަށް އަމީން ވިދާޅުވި އެވެ.
ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ދޭން ފެށުމުގެ ކުރިޔަށް އެއްވެސް ދިރާސާއެއް ހަދާފައި ނުވާކަން ހާމަކޮށް އަމީން ވިދާޅުވީ، މާލޭގެ ސަރަހައްދަށް ޓެކްސީގެ ހިދުމަތް ބޭނުންވެފައިވާ މިންވަރު ފެންނަން އޮތް އިރު ހަގީގަތަކީ ރައްޔިތުންނަށް ދިމާވާ ދަތިތައް ކަމަށެވެ. އަދި ޓެކްސީ ބޭނުންވާ ގަޑިތަކުގައި ޓެކްސީ ނުލިބޭތީ، އެކަމުގެ އެތައް ޝަކުވާއެއް މިނިސްޓްރީއަށް ލިބޭކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި މާލެ ތެރޭގެ ދަތުރުތައް ހޯދުން ދަތިވެފައިވީ ނަމަވެސް މާލެއިން ހުޅުމާލެއަށް، ނުވަތަ އެއާޕޯޓަށް ދިއުމަށް ޓެކްސީ ހޯދަން އެއްވެސް އުނދަގުލެއް ނެތެވެ.
މި ހިދުމަތް ސަރުކާރުން ފެށީ ރައްޔިތުންގެ ފަރާތުން ހުއްޓުމެއް ނެތި ލިބެމުން ދިޔަ ޝަކުވާތައް ހައްލު ކުރުމުގެ ބޭނުމުގައިކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް 24 ގަޑިއިރު ދޭނެއެވެ.
މިހާރު އެމްޓިސީސީން ކުރަމުން ގެންދާ ބައެއް މަސައްކަތްތައް ފާހަގަކުރައްވައި އަމީން ވިދާޅުވީ، ދަތުރުތައް ކުރުމަށް ބޭނުންވާނެ ސައިޒުގެ ޓެކްސީތައް ހޯދުމަށް އިއުލާނުކޮށް އެ ކުންފުނިން ވަނީ ވަކި ބަޔަކަށް ސަޕްލައި ކުރުމަށް ހަވާލުކޮށްފަ އެވެ.
އަމީން ވިދަޅުވީ މާލޭގެ ސަރަހައްދުގައި 1،500 އެއްހާ ޓެކްސީ ރެޖިސްޓްރީކޮށްފައިވާކަމަށާއި އެހެން ނަމަވެސް އާންމުން ބޭނުންވާ ގޮތަށް ދަތުރުތައް ނުލިބޭކަމަށެވެ. އަދި ސަރުކާރުތަކުން ޓެކްސީ ހިދުމަތް ދިނުމަކީ އެހެން ގައުމުތަކުގައި ވެސް ކުރަމުން އަންނަކަމެއްކަން ފާހަގަކުރި އެވެ.

