ސަރުކާރުން ތަޢާރަފުކުރަން ނިންމާފައިވާ ޓެކްސީލައިންގެ ޚިދުމަތް ފެށުމުން މިހާރު ދެމުންގެންދާ ޓެކްސީ ޚިދުމަތަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށް މިނިސްޓަރ މުހައްމަދު އަމީން މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން މިހެން ވިދާޅުވީ ޓެކްސީލައިނާއި ގުޅޭގޮތުން ސުވާލުކުރުމަށް މިއަދު މަޖިލީހުގެ ތަޅުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ޓެކްސީލައިން ތަޢާރަފުކުރުމުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ އިން ދެމުންގެންދާ ޓެކްސީގެ ޚިދުމަތަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެކަމަށެވެ.
މިހާރު ޓެކްސީ ކުރާ ފަރާތްތަކަށް ވެސް އެއްވެސް ހުރަހެއް ނެތި މިހާރެކޭ އެއްގޮތަށް ޓެކްސީ ކުރުމުގެ ޚިދުމަތް ކުރިއަށް ގެންދެވޭނެ.
މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރަސްމީ ވަޒީފާ އަދާކުރުމަށްފަހު އިތުރު އާމްދަނީއެއް ހޯދުމުގެ ގޮތުން އެ ފަރާތްތަކަށް މި ފްލީޓްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.
އިތުރު ސުވާލުގެ ވަގުތުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ފަރާތްތަކުން، ބޭނުންވާ ގަޑިތަކުގައި ޓެކްސީ ލިބުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ސަރުކާރުން މި ފައްޓާ އީވީ ޓެކްސީ ލައިންގެ ސަބަބުން ނިމުން އަންނާނެކަމަށެވެ.

