ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މުވައްޒަފުން ޒަމާނީ ފަހުގެ އުކުޅުތަކަށް އަހުލުވެރިވުމަށް ތަމްރީން ޕްރޮގުރާމްތައް ހިންގުން މުހިންމުކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޒަމާން ބަދަލުވެ، ފަންނިއްޔާތުގެ ގޮތުން ދުނިޔެ ކުރިއަރަމުންދާ މިންވަރަކުން ޤާނޫނު ތަންފީޒްކުރުމުގައި ތަންފީޒީ އިދާރާތަކުން ބޭނުންކުރަންޖެހޭ އުކުޅުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަމަށެވެ.
އައު މަޢުލޫމާތުތަކަށް މުވައްޒަފުން އަހުލުވެރިނުކޮށް، ތާޒާ ނުކުރެވޭނެމަ، މަސައްކަތުގައި ތިބެވޭނީ ވަރަށް ފަހަތުގައިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޢާންމު ރައްޔިތުންނާ ކުރިމަތިލައި ޚިދުމަތްދޭއިރު، ތަމްރީންތަކުގެ ބޭނުން ހިފޭ ގޮތަށް މަސައްކަތްތައް ބައްޓަންކުރުމަކީވެސް ވަރަށް މުހިންމުކަމެއްކަމަށެވެ.
އަޅުގަނޑު އެދެނީ ފަންނީ ގޮތުން ބޭނުންވާ ތަމްރީންތައް އަދިވެސް ދީ، ފުރުޞަތުތައް ހޯދާދިނުމަށް.
މިނިސްޓަރު ވިދާޅުވިއެވެ.
”އެގްޒެކެޓިވް ލީޑަރޝިޕް ޓްރެއިނިން“ ކުރިއަށް ދިޔައީ 8 ގަޑިއިރުގެ މުއްދަތަކަށެވެ. ”އެފެކްޓިވް“ މީހުންގެ ކިބައިގައި ހުންނާނެ 7 އާދައެއްގެ މައްޗަށް ބޭރުގެ ލިޔުންތެރިއަކު ލިޔެފައިވާ ފޮތެއްގައި ހުރި މަޢުލޫމާތުތަކަށް މި ޓްރެއިނިންގައި އަލިއަޅުވާލާފައިވާކަމަށް އިމިގްރޭޝަންއިން މައުލޫމާތު ދެއެވެ. މިއީ މުވައްޒަފުންކުރާ މަސައްކަތުގައި ބޭނުންކުރެވިދާނެ އާދަތަކާއި ފުރިހަމަ ގޮތުގައި ޚިދުމަތްދިނުމަށްޓަކައި ބޭނުންވާނެ އެކި ކަންކަމަަށް މުހިންމު މަޢުލޫމާތުތަކެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ތަމްރީން ކޯސް ކުރިއަށް ގެންގޮސްފައިވަނީ އެގްޒެކެޓިވް ލެވެލްގައި މަސައްކަތްކުރައްވާ ބޭފުޅުންނަށެވެ.

