ކޮވިޑް ދުވަސްވަރާއި ދިމާކޮށް 8 ބިލިއަން ރުފިޔާ ޗާޕުކުރުމަކީ ކޮންމެހެން ކުރަންޖެހުނުކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށާއި އެ ދުވަސްވަރު ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބުނުކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އިބްރާހިމް ހުސައިން ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ރައީސް ޑރ މުހައްމަދު މުއިއްޒު އައްޔަނުކުރީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށްކަމަށެވެ. އަދި މިހާރު ވެރިކަމަށް 17 މަސް ދުވަސް ވެފައިވާއިރު އަދި ވެރިކަމުގައި ބާކީ ގިނަ ދުވަސްތަކެއް އޮތްކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ރާއްޖޭގެ ތާރީހަށް ބަލާއިރު މި ސަރުކާރުން މިހާތަނަށްކޮށްފައިވާ މިންވަރަށް މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާ ސަރުކާރެއް ފެނިފައިނުވާކަމަށާއި މީގެ ކުރިން އަބަދުވެސް މަސައްކަތްތައް ފެށިގެންދާ މަންޒަރު ފެނިގެންދަނީ ދެ އަހަރެއްހާ ދުވަސް ފަހުންކަމަށެވެ. ނަމަވެސް މި ސަރުކާރުން 17 މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތްތަކެއް ފެންނަން ހުރިކަމަށާއި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ރަށްތައްވެސް އެނގެން ހުރިިކަމަށް އަލިއެޅުއްވިއެވެ.
އިބްރާހިމް ވިދާޅުވީ، މި ސަރުކާރަށް ކަންކަން ރަނގަޅަށް ނުދެއްކިގެން އުޅެނީ ބޮޑެތި ލޯނުތަކެއް ދައްކަން ޖެހިފައިވުމުގެ ސަބަބުންކަމަށްވުން އެކަށީގެންވާކަމަށާއި ރައްޔިތުން ބިކަ ހާލަތެއްގައި ޖައްސާފައި ޕްރޮޖެކްޓުތަކެއް ހިންގުން މުހިންމު ވެގެން ނުދާކަމަށް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، މުހިންމު ކަމަކީ ރައްޔިތުންގެ ތެރޭގައި ހަމަހަމަކަން ގާއިމުކުރެވޭނެ އުސޫލުތަކެއް ގާއިމުކޮށް ރައްޔިތުންނަށް ފަހި ދިރިއުޅުންތަކެއް އުޅެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދެމުން މަސައްކަތްތައް ކުރިއަށް ގެންދިއުންކަމަށެވެ. އަދި މިހާރު ދައުލަތަށް ލިބޭ ފައިސާގެ ތެރެއިން ބޮޑު އަދަދެއް ބޭނުންކުރަމުންދަނީ މީގެ ކުރިން ނަގާފައިހުރި ދަރަނިތައް ދެއްކުމުގެ މަސައްކަތްތަކަށް ކަމަށާއި އެއީ އެންމެހާ ރައްޔިތުންނަށްވެސް އެނގޭ ހަގީގަތެއްކަމަށެވެ.
އިބްރާހިމް ވިދާޅުވީ، ފައިސާތަކެއް ނަގަމުންދިއުމަށްފަހު އެ ފައިސާ ނުދައްކާ ނުވަތަ ކޮންމެވެސް ބަހަނާތަކެއް ދައްކައިގެން އުޅެވިދާނެކަމަށް ދެކިގެން ތިބުމަކީ ދޯހަޅި ވިސްނުމެއްކަމަށެވެ. އަދި ގިނަ އަދަދެއްގެ ފައިސާ ދަރަނީގެ ގޮތުގައި ނަގާފައިވާއިރު އެ ފައިސާ މެދުވެރިކޮށް ރާއްޖޭގެ އާމްދަނީ އިތުރުކުރެވިދާނެ މަސައްކަތްތަކެއް ނިމިދިޔަ ދައުރުގައި ކޮށްފައި އޮތްތޯ ބަލާލުންވެސް މުހިންމުކަމަށް އިޝާރާތްކުރެއްވިއެވެ.
އިބްރާހިމް ވިދާޅުވީ، އެފަދަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިނުވާކަމަށާއި ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާއިރު އާމްދަނީ އިތުރުކުރެވޭނެ އެއްވެސް މަގެއް ނިމިދިޔަ ސަރުކާރުން ފަހިކޮށްފަިއނުވާކަމަށް ފާހަގަކުރެއްވިއެވެ. މެމްބަރު ވިދާޅުވީ، ކޮވިޑް އާއި ގުޅިގެން ފައިސާ ޗާޕުކުރި ވާހަކަތައް އެމްޑީޕީން ދެއްކިނަމަވެސް އެ ހާލަތާއި ގުޅިގެން 8 ބިލިއަން ރުފިޔާ ޗާޕުކުރަންޖެހޭކަމަށް ގަބޫލުނުކުރައްވާކަމަށެވެ.
މެމްބަރު ވިދާޅުވީ، ކޮވިޑްގެ ހާލަތު މެދުވެރިވުމުގެ ސަބަބުން އެހީގެ ގޮތުގައި ރާއްޖެއަށް ލިބުނު ފައިސާގެ އަދަދުތަކުގެ ވާހަކަތައް އެމްޑީޕީން ނުދައްކާކަމަށާއި މުޅިންހެންވެސް ދައްކަމުންދިޔައީ ހަރަދުތައް ކުރަންޖެހުނު ވާހަކަ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ބޭރުން ލިބުނު ފައިސާގެ ވާހަކައަކީވެސް ދައްކަންޖެހިފައިވާ ވާހަކަތަކެއްކަމަށް ހިއްސާކުރެއްވިއެވެ.
އިބްރާހިމް ވިދާޅުވީ، އެމްޑީޕީއަކީ އިހުލާސްތެރިކަމެއް ހުރެގެން ވާހަކަތައް ދައްކަމުންދާ ޕާޓީއެއްނަމަ އެންމެ ފުރަތަމަ ދައްކަންވީ ކޮވިޑްގެ ހާލަތާއި ގުޅިގެން ލިބުނު މާލީ އެހީތެރިކަމުގެ ވާހަކަތައް ކަމަށެވެ. އަދި މެމްބަރު ވަނީ އެ ފައިސާތައް ކޮބައިތޯ ސުވާލުކުރައްވާފައެވެ.
މެމްބަރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ކޮވިޑްގެ ހާލަތާއި ގުޅޭގޮތުން ދައްކަމުން އައި ވާހަކަތަކަކި ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް ބުނެ އެމްޑީޕީގެ މެމްބަރުންވެސް އެކި އެކި ކެފޭތަކުގައި ދައްކާ ވާހަކަތަކުގެ އަޑުތައް އިވިގެންދާކަމަށެވެ. އެގޮތުން ކޮވިޑް ދުވަސްވަރު އެ ޕާޓީގެ ސަރުކާރުން އަމަލުކުރި ގޮތާއި ލިބުނު އަދަދާއި އިނގޭކަމުގެ ވާހަކަތައް ދައްކާއިރު އެ ދުވަސްވަރު ނިމިގެންދިޔައިރު ހިލޭ މާސްކެއްވެސް ދީފައިނުވާކަމުގެ ކަންބޮޑުވުންފާޅުކުރާކަމަށް ވިދާޅުވިއެވެ.

