ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމުގެ ގޮތުން ”މޯލްޑިވްސް 2.0″ގެ މަޝްރޫއު އިފްތިތާހުކޮށްފި

ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ތެރެއިއިން ގައުމު އަލުން ބައްޓަންކުރުމުގެ މަގުސަދުގައި ”މޯލްޑިވްސް 2.0“ ގެ ނަމުން ސަރުކާރުގެ އިސްނެންގެވުމެއް ތައާރަފުކޮށްފިއެވެ.

މި އިސްނެންގެވުމަކީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ސަރުކާރުން ދޭ ހިދުމަތްތައް އޮޓޯމޭޓްކޮށް، ކޮރަޕްޝަނުގެ އަމަލުތައް މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން ގާއިމު ކުރާ ޕްލެޓްފޯމެކެވެ.

މި ޕްރޮޖެކްޓާއި ގުޅޭގޮތުން، ބުރާސްފަތި ދުވަހު ބޭއްވި ”ރައްޔިތުންނާއި އެކު“ ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަފްސީލު ދެއްވާފަ އެވެ. ރައީސް ވިދާޅުވީ، އާންމު ހިދުމަތްތައް އޮޓޮމޭޓްކޮށް، ޑިޖިޓަލައިޒް ކުރުމުން ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމަށް ޖާގަތައް ބަންދުވެ، މައުލޫމާތު ލިބުން ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމުގެ އިތުރުން ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިޔަށް ގެންދެވޭނެ އިންތިޒާމެއް ގާއިމުކުރެވިގެން ދާނެކަމަށް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވެފައި ވަނީ، މި އިސްނެންގެވުމުގެ ދަށުން ޑިޖިޓަލައިޒް ނިޒާމެއް ގާއިމުކުރެވި، މުޅި ސަރުކާރާއި، މުހިންމު ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ޕްރައިވެޓް ސެކްޓާގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ވިއުގަތައް ގުޅިގެންދާނެކަމަށެވެ. އަދި މި އިސްނެންގެވުން ވުޖޫދަށް ގެނައުމަށްޓަކައި ބޭނުންވާ ގާނޫނުތަކުގެ ޑްރާފްޓެއް މިހާރު ތައްޔާރު ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިސްނެންގެވުމުގައި ތަފާތު އެކި ތަންބުތައް ހިމެނެއެވެ.

އޭގެތެރޭގައި:-

1- ޑިޖިޓަލް އައިޑެންޓިޓީ އެންޑް ޓްރަސްޓެޑް ޓްރާންސެކްޝަންސް

މި ތަންބުގެ ދަށުން ރައްކާތެރި އަދި ހުރިހާ ދިވެހި ރައްޔިތުން ހިމެނޭނެ އުސޫލަކުން ޑިޖިޓަލް އައިޑެންޓީޓީ އިކޯ ސިސްޓަމެއް ސަރުކާރުގެ ބާރުގެ ދަށުން ހިންގުމުގެ މަގުފަހިވެގެންދާނެއެވެ.

އޭގެ މަގްސަދަކީ، އެއްބައިވަންތަ އިންޓަރ އޮޕަރަބަލް އައިޑީ ސިސްޓަމެއް ގާއިމުކުރުމެވެ. އެގޮތުން، މި ތަންބުގެ ދަށުން، ރައްޔިތުންނަށް ރައްކާތެރި ޑިޖިޓަލް އައިޑެންޓިޓީއެއް ލިބި، އެއްވެސް ދަތިކަމެެއް ނެތި ހިދުމަތްތައް ލިބޭނެ މަހުފަހިވުމާއިއެކު ޒާތީ މައުލޫމާތު ރައްކާތެރިކޮށް، ޑާޓާ ކޮންޓްރޯލްކުރުމުގެ ބާރުލިބިގެންދާނެއެވެ.

2- އޯޕަން ޑޭޓާ ޝެއަރިންގ އެންޑް ގަވަނެންސް

މި ތަނބުގެ ދަށުން ސަރުކާރުގެ މައުލޫމާތު ރައްކާތެރި ގޮތެއްގައި ބަދަލުކުރުމުގައި އިންޓަރ އޮޕަރަބަލް ނިޒާމެއް ގާއިމުކުރެވިގެންދާނެއެވެ. މިކަމުގެ ސަބަބުން ހާމަކަން އިތުރުވެ، ޖަވާބުދާރީވުމާއި، ހެކިތަކުގެ މައްޗަށް ބިނާކޮށް ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުން އިތުރަށް ތަރައްގީވެގެންދިޔުމާއި ސަރުކާރުގެ ކޮންމެ އިދާރާއެއްގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިވުމާއިއެކު ސަރުކާރުގެ ހިދުމަތްތައް އަވަސްވެ، ލިބޭ ހިދުމަތްތައް ސައްހަވުމަށް މަހުފަހިވެގެންދާނެއެވެ.

3- ސައިބާ ސެކިއުރިޓީ ފޯ ނޭޝަނަލް ރެސިލިއެންސް

މި ތަންބުގެ މަގްސަދަކީ، ޑިޖިޓަލް އިންފްރާސްޓަރަކްޗަރ އާއި އާންމުންގެ އިތުބާރު ދެމެހެއްޓުމުގެ އިތުރުން ގައުމީ ސަައިބަރ ސެކިއުރިޓީ އާކިޓެކްޗަރ އާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީއަށް ހާއްސަ އިސްކަމެއް ދިނުމެވެ. އެގޮތުން، މި ތަނބުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ މަންފާތަކަކީ، ސައިބާ ނުރައްކާތަކުން ރައްޔިތުންނާއި ވިޔަފާރިތައް ރައްކާތެރިކަން ލިބުމާއި ގައުމީ ނިޒާމުތަކަށް ކުރިމަތިވެދާނެ ސައިބާ ހަމަލާތައް މަދުވުމުގެ އިތުރުން ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ދިވެހިރާއްޖޭގެ ވޯކްފޯސް ހުނަރުވެރިވުމަށް މަގުފަހިވުން ހިމެނެއެވެ.

4- މޮޑާން ލީގަލް ފްރޭމްވޯކް އޮފް ޑިޖިޓަލް ޓްރަސްޓް އެންޑް ގަވަނެންސް

މި ތަނބުގެ ދަށުން ޑިޖިޓަލް ޒަމާނުގެ ގާނޫނުތައް ހެދުމާއި މުޅި ޑިޖިޓަލް ނިޒާމަށްކުރެވޭ އިތުބާރާއި ޖަވާބުދާރީވުމުގެ އިތުރުން ފައިދާހުރި ގޮތެއްގައި ގާނޫނު ތަންފީޒުކުރުން ކަށަވަރުކުރުމަށް އެހީވެދެއެވެ. އެގޮތުން، މި ތަންބުގެ ދަށުން ރައްޔިތުންގެ މެދުގައި އޮންލައިން ވިޔަފާރިއާއި އެހެނިހެން ހިދުމަތްތަކަށް އޮތް އިތުބާރު އިތުރުވުގެންދެއެވެ. އަދި ރައްޔިތުންގެ ޒާތީ މައުލޫމާތުގެ ރައްކާތެރިކަމާއި ޑިޖިޓަލް ހައްގުތައް ކަށަވެރުވެގެންދާނެއެވެ.

5- ސެކިއުއާ އެންޑް ސޮވެއިން ޑިޖިޓަލް އިންފްރާސްޓަރަކްޗަރ

މި ތަންބުގެ ދަށުން. ސަރުކާރުން ދޭ ހިދުމަތުގެ ކޮންޓިނިއުޓީއާއި މައުލޫމާތުގެ ސޮވަރިނިޓީ ކަށަވަރުކުުރުމުގެ ގޮތުން، ދައުލަތުން ބަލަހައްޓާ ގައުމީ ކްލައުޑް އިންފްރާސްޓަރަކްޗަރއެއް ގާއިމުކުރެވިގެންދާނެއެވެ. އެގޮތުން، ރާއްޖެތެރޭގައި ރައްކާތެރިކަމާއި އެކު ޑޭޓާ ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދެއެވެ. އަދި ބޭރު ގައުމުތަކަށް ބަރޯސާވުން ކުޑަވެގެންދެއެވެ.

6- ސިޓިޒެން ސެންޓްރިކް އީ- ގަވަމެންޓް ސާވިސެސް

މީގެ މައިގަނޑު މަގްސަދަކީ، ސަރުކާރުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް އެއް ޕްލެޓްފޯމަކަށް އިންޓަގްރޭޓްކޮށް، އެކްސެސިބިލިޓީ އާއި، ސަމަކާރާ އިތުރުކުރުމުގެ އިތުރުން ޒިންމާދާރުކަން ކަށަވަރުކުރުމެވެ. އެގޮތުން، މި އިސްނެންގެވުމުން ކުރާނެ ފައިދާތަކަށް ބަލާލާއިރު، އާންމު ހުރިހާ ހިދުމަތްތަކެއް އެއްތަނުން ލިބޭނެ މަގުފަހިވުމާއި އަދި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ހުރިހާ ފަރާތްތައް ހިމެނޭނެ އުސޫލަކުން ކަންތައްތައް އިންތިޒާމުކުރެވިގެންދާނެއެވެ.

7- ސެކްޓޯރަލް ޑިޖިޓަލް ޓްރާންސްފޮމޭޝަން

މިިއީ ތައުލީމާއި، ސިއްހަތާއި، ފަތުރުވެރިކަމާއި، އިންސާފާއި، ވިޔަފާރީގެ އިތުރުން ތިމާވެށި ފަދަ މުހިންމު ދާއިރާތަކުގައި ”އެންޑް-ޓު-އެންޑް“ ޑިޖިޓަލައިޒޭޝަން ކުރިއަރުވާ ތަނބެކެވެ.  މީގެ މަންފާތަކަށް ބަލާއިރު، ތައުލީމާއި ސިއްހީ ފަރުވާގެ އިތުރުން އިންސާފު ފަދަ އަސާސީ ހިދުމަތްތައް ލިބުން ކަށަވަރުކޮށްދިނުމާއިއެކު ދިވެހިރާއްޖޭގެ އެކި ސިނާއަތްތަކުގެ މެދުގައި އޮންނަ ކޯޑިނޭޝަންވެސް އިތުރަށް ތަރައްގީވެގެންދާނެއެވެ.

8- އައިސީޓީ އިކޯސިސްޓަމް ޑެވެލޮޕްމަންޓް އެންޑް އިނޮވޭޝަން

މި ތަނބުގެ ދަށުން އީޖާދީގޮތުން ވަރުގަދަ އިކޯސިސްޓަމެއް ގާއިމުވެ، އަލަށް ފަށާ ވިޔަފާރިތަކަށް އެހީވެ، ރީސާޗްތައް ހެދުމަށް ލުއިފަސޭހަވުމުގެ އިތުރުން ކުރިއަރަމުންއަންނަ ޓެކްނޮލޮޖީތަކަށް ދިވެހިރާއްޖޭގެ އިގްތިސާދުގެ ދޮރުހުޅުވިގެންދާނެއެވެ. މި ތަނބާއިއެކު ޒުވާނުންނާއި ޑިޓަލް ވިޔަފާރިވެރިންނަށް ލިބޭ ފުރުސަތުތައް އިތުރުވެ، ދިވެހިރާއްޖޭގެ ޓެކް ދާއިރާއަސްވެސް ކުރިއެރުން ލިބުމަށް މަގުފަހިވެގެންދާނެއެވެ.

މި ޕްލެޓްފޯމާއި ގުޅޭގޮތުން ރައީސް މުއިއްޒު އިތުރަށް ފާހަގަކުރެއްވީ، 2030 ވަނަ އަހަރުގެ ތެރެއަށް ދާއިރު ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން 15 އިންސައްތަ ބަރޯސާ ވަނީ ޑިޖިޓަލް އިގްތިސާދަށްކަމަށްވާއިރު، ރާއްޖޭގެ ހިންގުމުގެ ނިޒާމަށް މިފަދަ އިސްލާހުތައް ކާމިޔާބުކަމާއިއެކު ތަންފީޒުކުރުމުގައި އާންމުންގެ އެއްބާރުލުމުގެ މުހިންމުކަމެވެ.

މީގެއިތުރުން، ރައީސް ވިދާޅުވީ، ދިވެހިރާއްޖެ މުޅިން އެއްކޮށް ޑިޖިޓަލައިޒްކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދާނީ ޑިޖިޓަލް ދުނިޔެއަށް ނަން މަޝްހޫރު އެސްޓޯނިއާ ގައުމުގެ އެއްބާރުލުމާއިއެކު ކަމަށެވެ.

2025 މޭ 9 ވަނަ ދުވަހު ފެށިގެންދާ ”މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް“ އަކީ ސަރުކާރުގެ މި އިސްނެންގެވުން ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ސަމިޓެކެވެ.

މި ކޮންފަރެންސްގައި އެސްޓޯނިއާގެ ޑިޖިޓިލައިޒޭޝަން މަސައްކަތްތަކުގެ ފުންނާބު އިސް 3 ފަރާތެއް ހިމެނޭ ގޮތަށް ތަޖުރިބާކާރުންގެ ޓިމެއް ބައިވެރިވާނެއެވެ.

މޯލްޑިވްސް 2.0 ގެ ތަސައްވުރަށް ކުޑަ މުއްދަތެއްގެ ތެރޭގައި ހަގީގަތަކަށް ހެދުމަކީ ރައީސް މުއިއްޒުގެ އަމާޒެކެވެ. އެގޮތުން، އެސްޓޯނިއާ އިން 25 އަހަރުގެ ތެރޭގައި ހާސިލުކުރި ކަންތައްތައް ދިވެހިރާއްޖެއިން 4 އަހަރުގެ ތެރޭގައި ހާސިލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: