ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އިސް ބައެއް މަޤާމުތަކަށް ބޭފުޅުން އައްޔަނު ކުރައްވައިފިއެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އެ އޮފީހުގެ ބައެއް އިސް މަޤާމުތަކަށް ޕީޖީ އައްބާސް ޝަރީފް ވަނީ ބޭފުޅުން އައްޔަނު ކުރައްވާފައެވެ. އެގޮތުން ޑެޕިއުޓީ ޕީޖީގެ މަޤާމަށް ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރ އައިޝަތު މުޙައްމަދު އައްޔަނު ކުރައްވާފައިވާއިރު، އޭނާ ގެންދަވަނީ 2011 ވަނަ އަހަރުން ފެށިގެން ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވަމުންނެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އައިޝަތު މުޙައްމަދަކީ މިވަގުތު ޕީޖީ އޮފީހުގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ސީނިއަރ ޕްރޮސެކިއުޓަރެވެ. އަދި އޭނާ މަސައްކަތް ކުރައްވަމުން ގެންދަވާނީ މިހާރުވެސް ޑެޕިއުޓީ ޕީޖީގެ މަޤާމުގައި ހުންނެވި މަޙްމޫދު ސަލީމްއާއެކުކަމަށް ޕީޖީ އޮފީހުން ފާހަގަކުރެއެވެ.
މީގެ އިތުރުން ޕީޖީ ވަނީ އެސިސްޓެންޓް ޕީޖީގެ މަޤާމަށް ޕަބްލިކް ޕްރޮސެކިއުޓަރ ހުސައިން ސާމީވެސް އައްޔަނު ކުރައްވާފައެވެ.
އޭނާއަކީ 2018 ވަނަ އަހަރުން ފެށިގެން ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ.

