ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަން ނައްތާލަން މަސައްކަތް ފަށާއިރަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ ކީއްވެ: ރައީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެތޯ ރައީސް ޑރ މުޙައްމަދު މުއިއްޒު ސުވާލު ކުރައްވައިފިއެވެ.

ރައީސް އެފަދައިން ސުވާލު ކުރައްވާފައިވަނީ ސަރުކާރުން ލޯންޗުކުރި ”މޯލްޑިވްސް 2.0“ އާ ގުޅޭގޮތުން އިދިކޮޅު ސިޔާސީ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާތީ އެކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، ”މޯލްޑިވްސް 2.0“ އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ. އެގޮތުން މިއީ ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތު ނުވަތަ ޑޭޓާގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ނިޒާމުގެ ސަބަބުން ދެ ފުށް ފެންނަ، އަވަސް އަދި ލުއި ފަސޭހަ، ކޮރަޕްޝަން މަދު ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނެ ކަމަށެވެ. އަދި ”ޕްރެސް ފްރީޑަމް އިންޑެކްސް“ ގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެކަންކަން ޙާސިލު ކުރުން މިއީ ރައްޔިތުން އެދޭ އަމާޒެވެ. އަދި މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މި ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށްވެސް ގޮވާލައްވާފައެވެ.

ޑިޖިޓަލައިޒްކުރުމުގެ އެންމެ މައިގަނޑު އެއް މަޤުޞަދަކީވެސް މިޤައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުންކަމުގައި ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެންމެން އެއްޖޯޝެއްގައި ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަންޖެހޭކަމަށެވެ. އަދި އެކަން ހާސިލްކުރުމަށް ޤައުމުގައި އޮތް ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ޑިޖިޓަލައިޒޭޝަންގެ ކަންކަން އެންމެ ފުރިހަމައަށް ހާސިލްކޮށްފައިވާ އެއް ޤައުމަކީ އެސްޓޯނިއާކަމުގައި ފާހަގަކުރައްވައި ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ކުރައްވާ މަސައްކަތުގައި އެސްޓޯނިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުންދާތީ އެކަމަށްޓަކައި އެމަނިކުފާނު އެސްޓޯނިއާ ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ.

ޑިޖިޓަލައިޒޭޝަންގެ ތެރެއިން ކޮރަޕްޝަން ނައްތާލެވޭނެގޮތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، ޑިޖިޓަލައިޒޭޝަންގެ ތެރެއިން ވަރަށް ބޮޑަށް ދެފުށް ފެންނާނެ ނިޒާމެއް ޤާއިމުކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޑިޖިޓަލައިޒޭޝަންގެ ތެރެއިން މިހާރު ބޭނުންކުރާ އައި.ޑީ.ކާޑަކީ، ސްމާޓް، ޑިޖިޓަލް، އަދި ހުރިހާ ޚިދުމަތެއް އެ ކާޑުން ހޯދޭނެގޮތް ހިމެނޭކާޑަކަށް ހެދުމަށް މަސައްކަތްކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ސައިބަރ ސެކިއުރިޓީ އިންތިހާއަށް ރަނގަޅުކޮށް، ޚިދުމަތުގެ ނިޒާމް ވަރުގަދަކުރެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެސްޓޯނިއާއަކީ ޕްރެސް ފްރީޑަމްގައި 2 ވަނައަށް އޮތް ޤައުމުކަމުގައި ފާހަގަކުރައްވައި މިކަން ހާސިލްކުރުމުގައިވެސް ޑިޖިޓަލައިޒޭޝަން ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެވެސް އެހަރުފަތާ ހިސާބަށް ގެންދިއުމަށް، މަޢުލޫމާތު ފޯރުކޮށްދިނުމުގައި އަދި މަޢުލޫމާތު ލިބިދިނުމުގައި ޒިންމާ ދާރުކޮށް އަވަސް މިނުގައި ޚިދުމަތްދޭ ތަނަކަށް ހެދުމަށް ޑިޖިޓަލައިޒޭޝަންގެ ފުރިހަމަ ބޭނުންކުރުމަށް މަސައްކަތް ކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް 2.0 ސަމިޓްގައި ރައީސް ވިދާޅުވީ މި ސަމިޓަކީ ވަރަށް އުންމީދީ ދަތުރެއް ކަމަށެވެ. މި ގައުމުގެ މުސްތަގުބަލު ބައްޓަން ކުރުމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ފަށާފެށުމެއް ކަމަށެވެ. މިދިޔަ އދ. ގެ އާއްމު މަޖިލީހުގައި ރާއްޖެއަކީ 2040 ވަނަ އަހަރު އަންނަން ވާއިރަށް ތަރައްގީ ވެފައިވާ ގައުމަކަށް ހައްދަވަން ބޭނުންވެވަޑައިގަންނަވާ ކަމުގައި ވިދާޅުވި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެ ރާސްތާއަށް ދާން ބަލާއިރު މިގައުމުގައި ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަމުގެ ތެރެއިން ގައުމުގެ އެކި މައްސަލަތައްވެސް ހައްލުކުރަން ހުރި ކަމަށެވެ. އަދި ގައުމުގައި ހުރި ނުރަނގަޅު އާދަތަކާއި އެހެންގޮސް ވަށާޖެހޭ ގޮތެއްގައި ގައުމު ތަރައްގީކުރުމަކީ މާނަހުރި ގޮތެއްގައި ކަންކަން ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިރޭ ސަރުކާރުން ފެށި ޑިޖިޓަލައިޒޭޝަން މަސައްކަތް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭ ނިންމައިލުމަކީ އަމާޒު ކަަމަށެވެ.

މި ތަސައްވުރާއިއެކު ކުރިއަށް ދާއިރު ސަރުކާރުގެ އޮފީސްތަކުގައި ތިބެގެން މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑުތަކުން ކުޑަ ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: