ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާ ލިބެމުންދާ ކުދިންނަށް އެ މާޙައުލުން ނުނިކުމެވި، ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ސަޤާފަތް ބަދަލުކުރަން ޖެހޭ: ސާޖިދާ

ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާ އަދި އެކިކަހަލަ ގޯނާ ލިބެމުންދާ ކުދިންނަށް އެ މާޙައުލުން ނުނިކުމެވި، ކުށްކުރާ ކުދިންނަށް ވަމުން ދިޔުމުގެ ޘަޤާފަތް ބަދަލުކުރަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިހެން ވިދާޅުވީ، ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހާއި ޔުނިސެފް ގުޅިގެން މިމަހުގެ 10 އިން 12 އަށް ބާއްވާ، ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިއަދު ކުށުގެ މާޙައުލުގައި ތިބި ކުދިންނަކީ އިއްޔެ އަނިޔާ ލިބެމުންދިޔަ ނުވަތަ ވިކްޓިމުންގެ ގޮތުގައި ތިބި ކުދިންކަމުގައި ވުމުން، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާބެހޭ ކަންކަން ނިންމާއިރު މި ޙަޤީޤަތް ޤަބޫލުކުރައްވަންވާނެ ކަމުގައި ސާޖިދާ ވިދާޅުވިއެވެ. ހަޤީޤީ ހާދިސާތަކުން މިސާލު ޖައްސަވައި ސާޖިދާ ވަނީ، މަރުގެ މައްސަލައެއްގައި ހައްޔަރު ކުރެވުނު 14 އަހަރުގެ ކުއްޖެއް، އޭނާ ހައްޔަރު ކުރުމުގެ ކުރިން 191 ފަހަރު ކަމާބެހޭ އިދާރާތަކާ މުޢާމަލާތް ކުރެވިފައިވާ މައްސަލައަކާއި، މީގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާ ތަހައްމަލުކުރަމުން އައި 15 އަހަރުގެ ކުއްޖަކަށް ދައުވާ ކުރެވުނު މައްސަލައެއްގައި އެތެރެއިންނާއި ރާއްޖެއިން ބޭރުން އައި ޕްރެޝަރާއެކު އެކުއްޖާ މިނިވަންވި މައްސަލައެއްގެ ވާހަކަ ހިއްސާކުރައްވާފައެވެ.

މި މައްސަލަތަކުން ރަމްޒުކޮށްދެނީ ކުދިންގެ ރައްކާތެރިކަމަށާއި އަވަސް ފިޔަވަޅުއެޅުމުގައި ނިޒާމީގޮތުން ފެއިލްވެފައިވުން ކަމުގައި ސާޖިދާ ވިދާޅުވިއެވެ. އަދި ސްކޫލްތަކާއި މައިންބަފައިން އަދި އަދުލު އިންސާފު ގާއިމުކުރާ މުވައްސަސާތަކުން އެ ކުދިންގެ ފަރާތުން ފެންނަ އިންޒާރުގެ ނިޝާންތައް ދެނެގަނެ އެކަމަށް އަވަސް އިޖާބައެއް ދިނުމަށް ގޮވާލެއްވިއެވެ.

ސާޖިދާ ގެ ވާހަކަފުޅުގައި، މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި އަނިޔާވެރި ކުށްތައް މަދުވެފައި، ޖަލު ބަންދަށް ގެންދާ ނިސްބަތް މަތިކަމުގައި ވިދާޅުވިއެވެ. އަދި ސިޔާސަތު ހަރުދަނާކުރުމަށް އެތައް އަހަރު ހޭދަކުރި ނަމަވެސް ޒުވާންއުމުރުގައި ކުށުގެ ވެށީގައި އުޅުމުން އެކަމުގެ އަސަރު ޖީލުތަކަށް ދެމިގެންދާ ކަމުގައި ވިދާޅުވިއެވެ.

މިކަމަށް ޙައްލު ހޯދުމަށްޓަކައި ގެންގުޅޭ ވިސްނުން ބަދަލުކޮށް، އާއިލީ ބައިވެރިވުން ހަރުދަނާކުރުމާއި، ޚާއްޞަކޮށް ބައްޕައިން ޝާމިލުވާ މިންވަރު އިތުރުކުރުމާއި، އަދި މުވައްސަސާތަކުގެ މެދުގައި މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރަންޖެހޭ ކަމުގައި ސާޖިދާ އިޝާރާތް ކުރެއްވިއެވެ. އަދި ނިޒާމުގައި ހުރި އެކިއެކި ފޫނުބެދޭ ކަންކަމާއި ހުރެ ކުށުގެ ވެއްޓަށް ކުދިން ވަނުމަށް ހުރި ފުރުސަތުތައް ނައްތާލައި، އެ ކުދިން އެކަމުގެ ތެރެއަށް ވައްދާ ފަރާތްތައް ޖަވާބުދާރީ ނުވެ ދިއުން ހުއްޓުވުމަށް، ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މި ގޮވާލުމަށް ބޮޑު ތަރުހީބެއް، ތަޢުލީމީ ދާއިރާގެ ބޭފުޅުންނާއި ޤާނޫނީ ފަންނުގެ ބޭފުޅުންގެ އިތުރުން އިޖުތިމާޢީ ޚިދުމަތްތެރިންގެ ފަރާތުން ލިބިވަޑައިގެންނެވިއިރު އެ ބޭފުޅުންވެސް ވަނީ ކުޑަކުދިން ހިމާޔަތްކޮށް، ރިހެބިލިޓޭޓްކޮށް، ބާރުވެރިކޮށްދޭ އަދުލު އިންސާފުގެ ނިޒާމެއް އޮތުމުގެ މުހިންމުކަން ހިއްސާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: