ހއ. އުތީމުގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާކޮށްފައި ވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ހއ. އުތީމު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ކުރެއްވި ބައްދަވުމެއްގައެވެ.
މި ބައްދަލުވުމުގައި ވަނީ އުތީމުގައި ފުލުހުންގެ ހިދުމަތް ފުޅާކުރުމަށާއި ކުށްމަދު އަމާން ވެއްޓަކަށް އުތީމު ހެދުމަށާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރަށުތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން، އުތީމަކީ މިހާރަށްވުރެ ވެސް އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގެ ތެރެއިން ކައުންސިލް އިދާރާ އާއި އަންހެނުންގެ ތަރައްގިއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ވެސް ބައެއް ކަންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރަށުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކުގައި ފުލުހުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި ފުލުހުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މި އަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް އުތީމުގައި ފާހަގަކުރަން ހަމަޖެހިފައިވާތީ އެކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުން ބޭއްވީ މިމަހުގެ 14ވަނަ ދުވަހު ޝަހީދު ހުސައިން އާދަމް ބިލްޑިންގގައެވެ.
މި ބައްދަލުވުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ ބައިވެރިވެލެއްވިއެވެ.

