މަސްވެރީންނަށް ބޭނުންވާ މިންވަރަށް އައިސް ނުލިބުމުގެ މައްސަލައަށް މި ދައުރުގެތެރޭގައި ދާއިމީ ހައްލެއް ހޯދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވުޒާރާތަކުގެ މަސައްކަތްތަކާއި ވަޒީރުންނާއި ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ފުރުސަތު ފަހިކުރަން ކުރިއަށް ގެންދާ ”އަހާ“ ފޯރަމްގައި ވަޒީރު ޝިޔާމް ވިދާޅުވީ މިިދިޔަ ސަރުކާރުން ފެނަކައާ ހިންގަން ހަވާލުކުރި 17 އައިސް ޕްލާންޓް ގެ ތެރެއިން ގިނަ ޕްލާންޓްތަކުގެ މަސައްކަތް ހުރީ ހުއްޓިފައި ކަމަށެވެ. އެހެން ކަމުން އެ މަސައްކަތް އަލުން މިފްކޯގެ ދަށަށް ގެނެސް އޮޕަރޭޝަން ފެށުމަށް ގިނަ މަސައްކަތްތަކަކާއި ބޮޑު ހޭދައެއް ކުރަން ޖެހުނުކަން ވަޒީރު ފާހަގަ ކުރެއްވި އެވެ.
މިފްކޯގެ ބެލުމުގެ ދަށުގައި ހުރި 26 އައިސް ޕްލާންޓުގެ ތެރެއިން މިހާރު އޮޕަރޭޝަނުން ބޭރުގައި ހުރީ ތިން ޕްލާންޓު.
ސަރުކާރުގެ އަމާޒަކީ މިހާރު އައިސް އުފެއްދޭ މިންވަރުގެ ތެރެއަށް 700 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން އިތުރުކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވީ، އެކި ދާއިރާތަކުގައި މަސައްކަތްކުރައްވަމުން ގެންދަވާ މަސައްކަތްތެރިންގެ ޒަމާންވީ ގިނަ ގޮންޖެހުންތަކަކަށް ހައްލު ހޯދުމުގައި ސަރުކާރުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިކަމަށެވެ.
މިނިސްޓަރ ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، މަސްވެރިންނަށް ވޭތުވެދިޔަ ސަރުކާރުން ނުދީ ހުރި 250 މިލިއަން ރުފިޔާ މިހާރު ވަނީ ދައްކާ ޚަލާސްކޮށްފައެވެ. އަދި މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފަށާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ފުރަތަމަ ފަހަރަށް މަސްވެރިންނަކީ ދައުލަތް ދަންނަ ވަޒީފާއެއް އަދާކުރާ ބައެއްގެ ގޮތުގައި ބަލައިގަނެ، އެހެން ވަޒީފާތައް އަދާކުރާ ފަރާތްތަކެކޭ އެއްގޮތަށް ބޭންކުގެ ފެސިލިޓީތަކަށް މަސްވެރިންނަށްވެސް އެކްސެސް ދެވިފައިވާ ކަމަށް މިނިސްޓަރ ޝިޔާމް ހާމަކުރެއްވިއެވެ.
މި ފިޔަވަޅުތަކަކީ މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އެފަރާތްތަކުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.

