ހ ފެންޓެނޯއީ ގެއިން ވެއްޓުނު ޒުވާނާގެ މައްސަލައާއި ވަޒީރު މުހައްމަދު އަމީންއާއި ގުޅުމެއް ނެތްކަން އެމްޑީޕީގެ މަޖިލީސް މެމްބަރުން ގަބޫލުކުރައްވާކަން އެބޭފުޅުން ވަކިން ބައްދަލުކުރައްވައި ދައްކަވާ ވާހަކަތަކުން ފާހަގަކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު މަމްދޫހުވަނީ މަޖިލީހުގެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެގޮތުން މަޖިލީހުގެ މަސައްކަތްތައް އޮންނަ އުސޫލުތަކާއި އެއްގޮތަށް ކުރިއަށް ނުދާ ވާހަކައަކީ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ދައްކަމުންދާ ވާހަކައެއްކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އެފަދަ ގޮތަކަށް ކަންކަން އޮތްކަމަށް ފެނިގެންނުދާކަމަށާއި މި ފާއިތުވި ދުވަސްތަކަށް ބަލާއިރުވެސް ގިނަ ވަޒީރުންތަކެއް މަޖިލީހަށް ހާޒިރުކުރެވި ސުވާލު ކުރެވިގެން ގޮސްފައިވާކަމަށް ހިއްސާކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ބައެއް ފަހަރު ވަޒީރުންނަށް ލިޔުމުން ޖަވާބު ދިނުމަށް ހުށައެޅިގެންދާކަމަށެވެ. އަދި މަޖިލީހުގެ ތަޅުމަށް ހާޒިރުކޮށްގެންވެސް އެކަން ކުރެވެން އޮންނައިރު އެ ދެގޮތުގެ މަތިންވެސް އޮންނަ އުސޫލުތަކާއި އެއްގޮތަށް މަޖިލީހުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.
މަމްދޫހު ވިދާޅުވީ، ޕީއެންސީގެ މެޖޯރިޓީއަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޖަވާބުދާރީކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރެވިގެންދާ މަންޒަރު ފެނިގެންދާކަމަށެވެ. އަދި އެމްޑީޕީން މަޖިލީހުގެ މަސައްކަތްތަކަށް ފާޑުކިޔަމުންދާނަމަވެސް މިފަހުން ގަވައިދުތަކަށް ބަދަލުތަކެއް ގެނެވިފައިވާނަމަ އެއީ އެމްޑީޕީގެ ވޯޓާއިއެކު ގެނެވިފައިވާ ބަދަލުތަކެއްކަން ފާހަގަކުރުން މުހިންމުކަމަށް ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، އެމްޑީޕީ ނޫން އެހެން ޕާޓީއަކުންވެސް ވަޒީރަކަށް ސުވާލެއް ހުށައަޅައިފި ހާލަތެއްގައި ގަވައިދުގައި އޮންނަ ގޮތެއްގެ މަތިން އޮންނަ މުއްދަތެއްގެ ތެރޭގައި ޖަވާބު ލިބިގެންދާކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އަދި 20 ވަނަ މަޖިލީހަކީ ވަޒީރުން ހާޒިރުކޮށްގެން ސުވާލުކުރުމަށް އެންމެ ފަހި ފުރުސަތު އޮތް މަޖިލީސްކަމަށް ގަބޫލުކުރައްވާކަންވެސް ހާމަކުރެއްވިއެވެ.
މަމްދޫހު ވިދާޅުވީ، ކޮމިޓީތަކަށް ވަޒީރުން ހާޒިރުކޮށްގެނާއި އެސްއޯއީތަކުގެ ވެރިން ހާޒިރުކޮށްގެން މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމުގެ އިތުރުން ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައިވެސް މަސައްކަތްތައް ކުރެވިފައިވާކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ކޮންމެ ގޮތަކަށް ވާހަކަތައް ފެތުރިނަމަވެސް މިކަންކަމަކީ ލޯ މައްޗަށް ފެންނަން ހުރި ކަންކަން ކަމަށާއި އެއީ ރައްޔިތުންނަށް އޮޅުވާލެވޭނެ ކަންތައްތަކެއް ނޫންކަމަށް ވިދާޅުވިއެވެ.
މަމްދޫހު ވިދާޅުވީ، ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހުން ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި ވަޒީރު ވަނީ ވަރަށް ސާފު އިބާރާތުން ކަންކަން ސާފުކޮށްދެއްވާފައިކަމަށާއި މިފަދަ ގޮތަކަށް މައުލޫމާތު ސާފުކުރުމަށްޓަކައި ފުރުސަތުތަކެއް ލިބިވަޑައިގެންނެވުމަކީ އުފާ ކުރައްވާ ކަމެއްކަމަށް ހިއްސާކުރެއްވިއެވެ. އެގޮތުން ހިނގާފައިވާ ހާދިސާއާއި ވަޒީރު އަމީންއާއި ގުޅުމެއް ނެތްކަން ރައްޔިތުންނަށް ސާފުވެގެން ގޮސްފައިވާކަމަށާއި އެމްޑީޕީންވަނީ އެ ޕާޓީން އެދޭ ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ގޮތުން އެކަމުގެ ތެރެއަށް ކުއްލިގޮތެއްގައި ވަދެ މަސައްކަތްތަކެއް ކޮށްފައިކަމަށެވެ.
މެމްބަރު ވިދާޅުވީ، ޒުވާނުންގެ ހަރަކާތުގައި ސިޔާސީ ކުލަވަރުތަކެއް ޖެއްސުމަށްޓަކައި އެމްޑީޕީން މަސައްކަތްތަކެއް ކޮށްފައިވާކަން އެވެރިންވެސް ގަބޫލުކުރާކަމަށާއި އެކަމަށް ޒުވާނުންގެ ތާއީދެއް ނެތްކަމަށެވެ. އަދި ވަކިން ބައްދަލުކޮށް ވާހަކަދެއްކެވި އެމްޑީޕީގެ މެމްބަރުންގެ ވާހަކަތަކުންވެސް އެ މައްސަލައާއި ވަޒީރާއި ގުޅުމެއް ނެތްކަން އެ ޕާޓީންވެސް ގަބޫލުކުރާކަން ފާހަގަކުރެވުނުކަމަށާއި ނަމަވެސް އެކަން ސިޔާސީކޮށްގެން ކުރިއަށް ގެންދިއުމަށް އެދޭ ލީޑަރުންގެ އިރުޝާދުގެ މަތިން މެމްބަރުން މަސައްކަތްތައް ކުރައްވަމުންދަނީކަމަށް މައުލޫމާތު ދެއްވިއެވެ.

