ޓްރެފިކްގެ މައްސަލަތައް ކުޑަ ކުރަކުރުމަށް އެއާޕޯޓަށް ޕްރައިވެޓް އުޅަނދުގައި ދާ ހާޖީންވެސް މިނިސްޓްރީން ހަމަޖައްސައިދީފައިވާ ބަހުގެ ނިޒާމުގެ ތެރެއަށް ވަނުމަށް އިސްލާމިކް މިނިސްޓްރީން އެދިފިއެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި އިސްލާމިކް މިނިސްޓްރީގެ މުޝްރިފް މުސާއިދް، ޖަންނަތު ސައީދު ވިދާޅުވީ ހައްޖުވެރިން މިފަހަރު ދަތުރުކުރާނީ ސައުދީ އެއަރލައިން، އަދި މޯލްޑިވިއަންގައި ކަމަށެވެ. އެގޮތުން ދައުދީ އެއަރ ގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 1 ފްލައިޓް ކަމަށެވެ. ފުރަތަމަ ފްލައިޓް އޮތީ މިމަހުގެ 26ގައި ކަމަށާއި 2 ވަނަ ފްލައިޓު 27ގައި، 29 އަދި 30 ގައި ބާކީ ދެ ފަލްއިޓު ދިއުމަށް ކަނޑައަޅައިފައިވާ ކަމަށް ޖަންނަތު ވިދާޅުވިއެވެ.
އެގޮތުން ހައްޖުވެރިން ދާނީ ކޮންކޮން ފްލައިޓުތަކެއްގައި ތޯ ކަނޑައަޅައި، ކޮންމެ ފްލައިޓަކުންވެސް ދާނެ މިންވަރު ކަނޑައެޅި ހައްޖުވެރިން ފުރުވުމާއި ގުޅޭގޮތުން އެކަންކަން ހަމަޖެއްސުމުގެ އިންތިޒާމުތައް މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަމަށް ޖަންނަތު ވިދާޅުވިއެވެ. ޖަންނަތު ވިދާޅުވީ މިކަން ކުރަނީ ވަރަށް ގިނަ ބައެއްގެ އަދި ވަރަށް ގިނަ މުވައްސަސާތަކެއް އެއްބާރުލުމާއި އެހީއާއި އެކުގައި ކަމަށެވެ.
”މިކަމަށް އެހީތެރިވާ ހުރިހާ ފަރާތެއްގެ ނަންގަން އުނގަދު، އެހެންނަމަވެސް ޖުމްލަ ގޮތެއްގައި ހުރިހާ ފަރާތްތަކައް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ގައުމީ ބޮޑު މަސައްކަތެއްގެ ގޮތުގައި އަބަދުވެސް މިމަސައްކަތް މިނިސްޓްރީން މިކުރަނި. އެދުވަހުގެ ކަންކަން ހިނގާނެ ގޮތަކީ، މިނިސްޓްރީގައި އެކަމަށް ޓާސްކްފޯހެއް އޮންނާނެ. ހުރިހާ ފަރާތްތައް އެކުލެވޭގޮތުން. ކޮމާންޑު ސެންޓަރެއް ހުންނާނެ. އޮޕަރޭޝަން ސެންޓަރެއް ހުންނާނެ“
ޖަންނަތު ވިދާޅުވީ ފްލައިޓު ނައްޓާލުމުގެ ކުރިއަށް 3 ގަޑިއިރު ކުރިއަށް ހައްޖުވެރިން އެއާޕޯޓަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އެހެންކަމުން އޭގެ އެއް ގަޑިއިރު ކުރިން މިނިސްޓްރީގެ މަސައްކަތްތައް ފެށޭނެ ކަމަށް ޖަންނަތު ވިދާޅުވިއެވެ. އަދި ހައްޖުވެރިޔާ އެއާޕޯޓުގައި ގަޑިއަށް ހުންނާނެ ކަން މިނިސްޓްރީން ކަށަވަރު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ހައްޖުވެރިން ތިބޭ ހިސާބުތައް ބެލުމަށްފަހު އާއްމު ބަސްހުއްޓިތައް ނޫން، މިނިސްޓްރީން ވަކި ހާއްސަ ބަސްހުއްޓިތަކެއް ކަނޑައަޅައިފައި ހުންނާނެ ކަމަށް ޖަންނަތު ވިދާޅުވިއެވެ. އަދި ކޮންމެ ޕޮއިންޓަކުންވެސް ބަހަށް އަރާވަޑައިގަންނަވާނެ ބޭފުޅުންގެ ލިސްޓެއް ޓާސްކްފޯސްގެ ބޭފުޅުންގެ އަތުގައި އޮންނާނެ ކަމަށް ޖަންނަތު ފާހަގަކުރެއްވިއެވެ. އެހެންކަމުން ހާޖީން 10 މިނެޓު ކުރިން އެ ޕޮއިންޓޫތަކަށް ނިކުންނަން ޖެހޭ ކަމަށާއި، އެކަން ވަރަށް ރަނގަޅަށް ބަލަހައްޓަވަމުން ދާނެ ކަމަށް ޖަންނަތު ވަނީ ވިދާޅުވެފައެވެ.

