މ. މުލީ އެއާޕޯޓާއިއެކު، މ އަތޮޅަށް ފަތުރުވެރިކަމުގެ އިންވެސްޓްމެންޓްތައް އަންނާނެކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ އެ ސަރަހައްދުގައި މިއަދުއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިއީ މުލީ ރައްޔިތުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދެކުނު ހުވަފެނެއްކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއަދަކީ އެ ހުވަފެން ހަގީގަތަކަށްވާ ދުވަސްކަމަށެވެ. މުލީ އެއާޕޯޓަކީ ވަރަށް ގިނަ ބައެއް ބުރަ މަސައްކަތްކަމަށް ފާޙަގަކުރައްވާ މުއްތަލިބު ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް ކެތް މަދުވެފައިވާ ވެރިއެެއްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު، މަސައްކަތުގެ ވަރަށް ބޮޑު ބައި އޮތީ ހުއްޓިފައިކަމަށެވެ. ގާތް ގަނޑަކަށް 18 މަސް ދުވަސް ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ނިންމާލެވުނީ ވަރަށް ބުރަ މަސައްކަތުންކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން އެމްޓީސީސީއާއި ސަރުކާރުން މި މަސައްކަތަށް ދިން އަހަމިއްޔަތުކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
އަޅުގަނޑުގެ އަމިއްލަ ނަމުގައި، އަދި މ އަތޮޅުގެ ރައްޔިތުންގެ ނަމުގައި ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ވަރަށް އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން.
މުއްތަލިބު ވިދާޅުވިއެވެ.
މ އަތޮޅަކީ ގުދުރަތީ ރީތިކަން ލިބިފައިވާ އަތޮޅެއްކަމަށާއި، އާބާދީ މަދު ނަމަވެސް ފަތުރުވެރިކަމުގައި ކުރިއެރުން ހޯދުމަށް ފަހި ފުރުސަތުތަކެއް އޮތް އަތޮޅެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި އެއާޕޯޓާއިއެކު މ އަތޮޅަށް އެތައް އިންވެސްޓްމަންޓްތަކެއް ލިބޭނެކަމަށާއި، ތަރައްގީގެ މަގު ފަހިވެގެންދާނެކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރަމުންދާ އެއާޕޯޓުތަކަކީ ދަތުރުފަތުރުގެ މުހިންމު ބިނާރެއްކަމަށެވެ. އިގްތިސާދީ ނަފާވެރިކަމަށް މަގުފަހިވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ފުރުސަތުތަކުގެ ބޭނުން ހިފާ، ފަތުރުވެރިކަން އިތުރުކުރުމަށް މ އަތޮޅުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަތޮޅު ދޫކޮށް ނުދިއުމަށް އެދިވަޑައިގެން މިނިސްޓަރު ވިދާޅުވީ، މ އަތޮޅަށް ތަރައްގީގެ ފުރުސަތުތައް އެބައޮތްކަމަށެވެ.

