މަސްތުވާތަކެތި އެތެރެކޮށް އެ ވިޔަފާރީގެ ބޮޑެއް ކަމަށް ބުނާ ޢަބްދުﷲ އިބްރާހީމް (އަބުޗާ) ސ. ހިތަދޫ/ފިނިފަރު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކުގެ ތެރޭގައި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމާއި، އަދި ޑައިމޯފިން ޓްރެފިކް ކުރުން ހިމެނެއެވެ. މި މައްސަލައިގައި ފުލުހުން ތުހުމަތުކުރާ ގޮތުގައި މި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވީވެސް އޭނާއެވެ.
އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ. އެއީ ހައްޔަރުކުރީ 4 އޮކްޓޯބަރު 2020ގަ އެވެ. ނަމަވެސް މިކަމުގައި ބައިވެރިވުމެއް ނެތްކަމަށް ތަހުގީގަށް ފާހަގަކުރެވުނު ބައެއް މީހުން ފަހުން ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ކުރިއަށް ގެންދިޔަ މިއޮޕަރޭޝަންގައި 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައި ވެއެވެ. އަދި ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.
މި މައްސަލައިގައި އޭނާ ދައުވާތަކަށް އިއުތިރާފުވެ، ޕްރޮސެކިއުޓަ ޖެނެރަލް އޮފީހާ އެކު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާތީ، ޕީޖީ އޮފީހާ އެކު ހެދި އިއުތިރާފު އެއްބަސްވުމުން އަދަބު ލުއިކުރީ 25 އަހަރަށެވެ. އެގޮތުން އޭނާގެ މައްޗަށް އުފުލި ދައުވާތަކުގެ އަސްލު އަދަބަކީ 50 އަހަރެވެ.
އެހެންނަމަވެސް މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި 4 އަހަރު ހޭދަކޮށްފައިވާތީ، ހުކުމުން ދެން ތަންފީޒުކުރަން ޖެހެނީ 21 އަހަރެވެ.
މި މައްސަލައާ ގުޅިގެން އޭރު ފުލުހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، އޭނާއަކީ ޖުލައި 30، 2019ގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންވެސް ހައްޔަރު ކުރި މީހެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. އޭރު އެ މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް ސެޕްޓެމްބަރ 30، 2019ގައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީއެވެ.
އޭގެ އިތުރުން، އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ ފަރާތެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

