މ. މުލީ އެއާޕޯޓް ވެގެންދާނީ ކުރިއެރުން ގެނައުމުގައި އިގްތިސާދީ ދޮރާއްޓަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށްދާތާ ގިނަ އަހަރުތަކެއްވެއްޖެކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، މި ސަރުކާރުން ހަވާލުވުމަށްވެސް އެއާޕޯޓްގެ ގިނަ މަސައްކަތްތައް ނިންމަން ހުރިކަމަށެވެ.
ރައީސްގެ ވާހަކައިގައި މި އެއާޕޯޓުގެ ސަބަބުން ފަތުރުވެރިކަން ކުރިއަރައިގެންދާނެކަމަށް ވިދާޅުވިއެވެ. މިހާރު އެއާޕޯޓު ހުޅުވާފައިވާތީ، ޓޫރިޒަމް މިނިސްޓްރީން ދެން ހުރި މަރުހަލާގެ ކަންކަން ކުރިއަށްގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. މި އެއާޕޯޓުގެ ސަބަބުން މުޅި އަތޮޅަށްވެސް ފަސޭހަވާނެކަމަށާއި، ގިނަ ކަންތައްތަކަކަށް މަގުފަހިވާނެކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، އަދިވެސް މުލީގައި ކުރިއަށް ގެންދަން ޖެހޭ ގިނަ މަޝްރޫއުތަކެއް އެބަހުރިކަމަށެވެ. މިއީ ހުރިހާކަމެއްގެ ފެށުންކަމަށް ރައީސް ވިދާޅުވިއެވެ.
2026 ވަނަ އަހަރު މުލީގެ މަގު ހެދުމުގެ މަޝްރޫއު ސަރުކާރުން ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ހޮސްޕިޓަލްގެ އައު އިމާރާތް އަމަލީ ގޮތުން ފެށުމުގެ މަރުހަލާތައް މިހާރު ކުރިއަށްދާކަމަށެވެ. މުލީގައިވެސް ބޯހިޔާވަހިކަމަށް ހާއްސަކޮށް މަޝްރޫއުތައް ހިންގަން ޖެހޭކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ 300 ހައުސިން ޔުނިޓް އެޅުމަށް އިއުލާންކޮށްފައިވާނެކަމަށެވެ.
ބޯހިޔާވަހިކަމުގެ ދާއިރާ އަކީ ވެސް މުހިންމު ދާއިރާއެއް، މި ރަށުގައި ވެސް 300 ހައުސިން ޔުނިޓް އެޅުމަށް ވާނީ އިއުލާންކޮށްފައި، އެ މަޝްރޫއު ވެގެންދާނެ އުންމީދުގައި ވަރަށް ގިނަ ކުލަތައް ޖެހޭނެ މަޝްރޫއަކަށް.
ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނާލާފުއްޓާއި މުއްލިއާއި ދެމެދު ކޯޒްވޭއަކުން ގުޅުވާލުމުގެ މަސައްކަތް އަމަލީގޮތުން ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއީވެސް އިގްތިސާދީ ނަފާ އޭގެން ލިބޭނެ މަޝްރޫއުއެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި މަޝްރޫއުގެ އީއައިއޭވެސް ހަދާ ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

