އާންމު ސިއްހަތުގެ ދާއިރާއިން ދިވެހިރާއްޖެއާއި ތައިލެންޑުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ސިވްސްޒަލޭންޑްގެ ޖެނީވާގައި ބޭއްވި 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. އަދި ތައިލެންޑު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު ޑޭޝް-އިސް ކައުޓޯންގ އެވެ.
މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖޭގެ ޕްރައިމަރީ ހެލްތުކެއާގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމާއި ރާއްޖޭގެ ރެގިއުލޭޓަރީ ފްރޭމްވޯކްގެ ތެރެއިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ)ގެ ރެގިއުލޭޓަރީ ޚިދުމަތްތައް ހަރުދަނާކުރެވިގެންދާނެއެވެ. މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ތަޢުލީމީ އަދި ޓެކްނިކަލް ޕާޓްނަރޝިޕް ހަރުދަނާކުރުމާއިއެކު ވަރުގަދަ ސިއްޙީ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރެވޭނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް ވަނީ ތައިލެންޑް ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. ”ޕްރައިމަރީ ހެލްތު ކެއާ، ކެޕޭސިޓީ ބިލްޑިންގ، ޕޮލިސީ ރިސާރޗް، އެކަޑަމިކް އެކްސްޗޭންޖް އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް“ ފަދަ ދާއިރާތަކުން ތައިލެންޑުން ދެމުންގެންދާ އެއްބާރުލުން މިނިސްޓަރު ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައެވެ.
މި އެއްބަސްވުމާއެކު، ދިވެހިރާއްޖެއާއި ތައިލެންޑުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.


One Response
ހަބޭސް! ވ. ފުރިހަމަ!