ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާ މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓާރ ނިޒާމެއް ބޭނުންކޮށްގެން، ބަންދަށް ލުއި ދެވިދާނެކަމަށް ފެންނަ މީހުންގެ ބަންދަށް ލުއި ދިނުމުގެ އިންތިޒާމުތައް ދިނުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނުގައި ވަނީ، ބަންދަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާތައް ދެނެގަންނާނެކަމަށެވެ. އެގޮތުން، މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައެޅުމަށްޓަކައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ފުލުހުންނާއި ކަރެކްޝަންސް ސާވިސް މެދުރިކޮށް، ޙާއްސަ އެސެސްމެންޓެއް ތައްޔާރުކުރެވޭނެކަމަށް ޕީޖީން ފާހަގަކޮށްފައިވެއެވެ. މި އެސެމެންޓަކީ، ޕީޖީ އޮފީހުގެ އެންގުމަށް ފުލުހުން ތައްޔާރުކުރާނެ އެސްމެންޓެއް ކަމަށް ޕީޖީން ވަނީ ބުނެފަ އެވެ.
މީގެއިތުރުން، ބަންދަށް ލުއިދިނުމުގައި އަމަލުކުރާނެ ގޮތް ވެސް ޕީޖީގެ ބަޔާނުގައިވެއެވެ. އެގޮތުން، އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމް މެދުވެރިކޮށް ބަންދަށް ލުއިދެވޭނެކަމަށް ފުލުހުންގެ އެސްމަންޓުން ދެކޭނަމަ، އެ އެސެމެންޓުގައި ފުލުހުން ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކުރުމަށްފަހު ޕީޖީ އޮފީހަށް ލުއި ދެވިދާނެކަމަށް ފެންނަ ހާލަތުގައި،ް ބަނދު މުރާޖައާކުރުމަށް ކޯޓަށް ހުށަހެޅޭނެކަމަށް ޕީޖީން ވަނީ ބުނެފަ އެވެ. މިފަދައިން އަމަލުކުރެވެނީ، ޖިނާއީ އިޖުރާތުގެ ގާނޫގެ 66 ގެ މާއްދާގެ (ށ)ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތުގެ ގޮތުގައެވެ.
މީގެއިތުރުން، ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖައާކުރުމަށް ކޮންމެ 100 ދުވަހަކުން 1 ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖާކުރުން ކުރިއަށްގެންދާނެ އެވެ.
ޕީޖީން ބުނ ކޯޓުން މުރާޖައާ ކުރުމަށް ފަހު، ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ޝަރުތުކޮށްފައިވާ އެއްވެސް ކަމަކަށް ހިލާފުވެއްޖެ ހާލަތެއްގައި، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ޕީޖީން ކޯޓަށް އެދޭނެކަމަށެވެ.
ބަންދަށް ލުއިދިނުމަށް އެދި ހުށަހެޅުމަށް ބަލާއިރު، އެކަމަށް އެދޭ ފަރާތްތަކުން، ސަބަބާއިއެކު ޕީޖީ އޮފީހަށް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލިކަމަށް އެ އޮފީހުން ހާމަކޮށްފައިވެއެވެ.
އެގޮތުން، ބަންދަށް ލުއި ދިނުމަށް އެދި ޕީޖީ އޮފީހުގެ ”އިލެކްޓްރީނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމް ނުވަތަ ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލް http://online.pgo.mv މެދުވެރިކޮށް، ބަންދުގައިވާ މީހާގެ ވަކީލަކަށް އެކަމަށް އެދި ހުށަހެޅިދާނެކަމަށްވެސް ޕީޖީން ހާމަކޮށްފައިވެއެވެ. އަދި، މިކަމަށް އެދޭ ފޯމު ޕީޖީ އޮފީހުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބިގެންދާނެކަމަށް ޕީޖީން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން، މި ފޯމް ކަރެކްޝަންސް ސާވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ލިބުމުގެ އިންތިޒާމު އެ އޮފީހުން ހަމަޖައްސާނެކަމަށް ވެސް ވަނީ ބުނެފަ އެވެ.

