4 ވަނަ ކޮމަންވެލްތުގެ ދެމެހެއްޓެނިވި ހަކަތައިގެ ފޯރަމް (ސީއެސްއީޓީ) 2025 ގައި ރާއްޖެ ތަމްސީލުކުރެއްވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވައިރަމަންޓުގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޙުސައިން އަގީލް ނަޞީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ފޯރަމްގެ މައިގަނޑު މަގްސަދަކީ ދެމެހެއްޓެނިވި ތަރައްގީގެ 7 ވަނަ ލަނޑުދަނޑި ކުރިއެރުވުމާއި، ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގައި ކާބަން މަދު ހަކަތައިގެ ވަސީލަތްތަކަށް ބަދަލުވުމަށް އެހީތެރިވެދިނުމަށް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމެވެ.
ސަރުކާރުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަކީ ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ބައިނަލްއަގްވާމީ މައިދާނަށް ދައްކާލުމުގެ މުހިންމު ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން ހިފައިގެން ރާއްޖެއަށް އިތުރު ފަންނީ އަދި މާލީ އެހީތެރިކަން ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.
ކޮމަންވެލްތުގެ ދެމެހެއްޓެނިވި ހަކަތައިގެ ފޯރަމްއަކީ ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ސަރުކާރުގެ މަންދޫބުންނާއި، ސިނާއީ ދާއިރާގެ އިސްވެރިންނާއި އަދި ބައިނަލްއަގްވާމީ އެހެނިހެން ފަރާތްތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މުހިންމު ބައްދަލުވުމެކެވެ. މި ފޯރަމްގައި ސާފު ހަކަތައަށް ބާރުއެޅުމާއި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވެއެވެ.
ޑެޕިއުޓީ މިނިސްޓަރ ޙުސައިން އަގީލް މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމުން، ދެމެހެއްޓެނިވި ހަކަތައިގެ ވަސީލަތްތަކަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދާނެ ކަމަށާއި، ކޮމަންވެލްތުގެ އެހެން މެންބަރު ގައުމުތަކާއެކު ގުޅުން ބަދަހިކޮށް، މި ދާއިރާގައި ކުރިއަށްދިއުމަށް ބޭނުންވާ ތަޖުރިބާއާއި މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

