ދިރާގު މާލެ އޯޕަން 2025 ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ. މިއީ ދިވެހިރާއްޖޭގައި ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓަރ ސްވިމިންގ މުބާރާތެވެ.
24 މޭ 2025 ވީ ހޮނިހިރު ދުވަހު ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ދިރާގު މާލޭ އޯޕަން ސްވިމިންގ މުބާރާތަކީ ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭގޮތަށް ހުޅުވައިލައިގެން ބާއްވައިފައިވާ މުބާރާތެކެވެ. 350 ފެތުންތެރިން ބައިވެރި، 340 އަށްވުރެ ފެތުންތެރިން ރޭސް ފުރިހަމަކުރި މި ފެތުމުގެ މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓަރ ސްވިމިންގ ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
މި މުބާރާތުގައި، އުމުރުން 5 އަހަރުން ފެށިގެން 65 އަހަރާ ދެމެދުގެ ފެތުންތެރިން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިން ހިމެނޭ ދިވެހިރާއްޖޭގެ ސްޕެޝަލް އޮލިމްޕިކްސް ސްވިމިން ސްކޮޑުގެ 13 ފެތުންތެރިންނާއި ޕެރަލިމްޕިކް ސްވިމިންގް ޓީމުގެ ފެތުންތެރިއަކު ވަނީ ބައިވެރިވެފައިވެއެވެ.
މި މުބާރާތުގެ އެންމެ ހާއްސަ އެއް ފެނިލުމަކަށް ވެގެންގޮސްފައިވަނީ ދުނިޔޭގެ މަޝްހޫރު ފެތުންތެރިޔާ އެޑަމް ވޯކަރގެ ބައިވެރިވުމެވެ. އެޑަމް ވޯކަރ ވަނީ މި އިވެޓުގައި ބައިވެރިވި ފެތުންތެރިންނާ ބައްދަލުކޮށް ހިތްވަރުލައިދީ ތަޖުރިބާ ހިއްސާކޮށްފައެވެ.
ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ހިމެނޭ ކެޓަގަރީތަކަކީ، ކޮމްޕެޓިޓިވް 1 ކިލޯމީޓަރު ކެޓަގަރީ އަދި އަލަށް ފަށާ ފެތުންތެރިންނަށާއި 10 އަހަރުން ދަށުގެ ފެތުންތެރިންނަށް ހާއްސަ ނަން-ކޮމްޕެޓިޓިވް 250 މީޓަރު ކެޓަގަރީއެވެ.
ދިރާގަކީ، ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް އަދި ކުޅިވަރު ކުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

