ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސައުދީގެ އިމިގްރޭޝަންގެ ކަންކަން ހައްޖާޖީން ފުރުމުގެ ކުރިއަށް ފުރިހަމަ ކުރާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސަޢޫދީގެ އިމިގްރޭޝަނާއި ކަސްޓަމްސް އަދި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ދިވެހި ޙައްޖާޖީން ރާއްޖެއިން ފުރުމުގެ ކުރިއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރިހަމަ ކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މައްކާ ރޫޓް އިނިޝިއޭޓިވް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައި ރައީސް ވިދާޅުވީ ސަޢޫދީ ވިޝަން 2030ގެ ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމުގެ ބައެއްގެ ގޮތުން ދިވެހި ޙައްޖާޖީން ސަޢޫދީ އަރަބިއްޔާއަށް ދިއުމާއެކު ޙައްޖާޖީން ތިބެން ހަމަޖެހިފައިވާ ތަންތަނަށް ސީދާ ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖާޖީން ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުން ސީދާ އެ ޙައްޖާޖީންގެ އެކޮމޮޑޭޝަންތަކަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދީ، ދަތުރުފަތުރުގެ ކަންކަން ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް މި ފުރުސަތު ފަހިކޮށްދެއްވުމާއި ގުޅިގެން މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް، އެ މަނިކުފާނު ވަނީ ހެޔޮ އެދުންތައް އަރިސްކުރައްވައި، ޝުކުރުދަންނަވާފައެވެ. މި ފުރުސަތު ފަހިކޮށްދެއްވުން އެ މަނިކުފާނު ސިފަކުރެއްވީ ސަޢޫދީ އަރަބިއްޔާއިން އިސްލާމީ އުއްމަތަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތުގެ ރަމްޒެއްގެ ގޮތުގައެވެ.

ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ޙައްޖުވެރިންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަޢޫދީ ޢަރަބިއްޔާގައި ޚާއްޞަ ޙައްޖު ކްލިނިކެއް ޤާއިމްކޮށް، އިމަރޖެންސީ މެޑިކަލް ޚިދުމަތްތައް ޤާއިމްކޮށް، ސަޢޫދީ މެޑިކަލް ޓީމްތަކާ ގުޅިގެން ހިންގަމުންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެ މަނިކުފާނުގެ އެދިވަޑައިގަތުމާ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑް ލިމިޓަށް 1750 ޑޮލަރު އިތުރުކޮށްދެއްވައި، ޙައްޖާޖީންނަށް އަޅުކަމުގެ ދުވަސްވަރު ކުރިމަތިވެދާނެ މާލީ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވިފައިވާނެ ކަމުގައި ވިދާޅުވިއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާ އެންމެހާ ދިވެހީންނަށް، ޙައްޖުގެ ފުރިހަމަ ތަޖުރިބާއެއް ކަށަވަރު ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވަވާފައެވެ. އަދި މިއަހަރުން ފެށިގެން ދިވެހި ޙައްޖާޖީންގެ ދަތުރުފަތުރުގެ އިންތިޒާމުތަކަށް ބަސް ދަތުރު ހަމަޖެއްސުމުގެ ބަދަލުގައި ހައި-ސްޕީޑް ރޭލުގައި އެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާނެކަން ހާމަކުރެއްވިއެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްގެ އިންތިޒާމުތައް ދިވެހިރާއްޖެއަށް ހަމަޖައްސައިދިނުމަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަން ކުރައްވައި، މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާއާއި، މިނިސްޓްރީ އޮފް އިންޓީރިއާ އަދި މައްކާ ރޫޓް އިނީޝިއޭޓިވްގެ ސްޓިއަރިންގ ކޮމިޓީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ދިވެހިރާއްޖޭގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތަކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި މި މަސައްކަތުގައި ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން، ޚާއްޞަކޮށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް، މޯލްޑިވްސް އިމިގްރޭޝަން އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ކަމާބެހޭ އެހެނިހެން އިދާރާތައް ގުޅިގެން ކުރައްވާ މަސައްކަތައްޓަކައި އެ އިދާރާތަކަށްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މި މަސައްކަތުގެ ކާމިޔާބީއިން ރަމްޒުކޮށްދެނީ އިސްލާމް ދީނާއި އިސްލާމީ އުންމަތުގެ ޚިދުމަތުގައި އޮތް އެއްބައިވަންތަކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: