ތިން ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި ތިން ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަންތައް ހުށަހަޅުއްވައިފިއެވެ.
ހޯމަ ދުވަހު ކުރިއަށްދިޔަ ޖަލްސާގައި ބޭރުގެ 3 ގައުމަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުން ހަމަޖެއްސެވުމަށްޓަކައި ރައީސް މުއިއްޒު ފޮނުއްވާފައިވާ ސިޓީ މަޖިލީހުގެ ތަޅުމުގައި އަމީންއާންމު ވަނީ އިއްވަވައިދެއްވާފައެވެ.
އެހެންކަމުން އެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. އެގޮތުން މައްސަލަ ފޮނުވާފައިވަނީ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށެވެ.
ރައީސް ފޮނުއްވާފައިވަނީ ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާފައިވާ ސަފީރު އާއިޝަތު އަޒީމާ ނޭޕާލަށް ކަނޑައަޅާ ނޮން ރެޒިޓެންޑް ސަފީރަކަށް އައްޔަނު ކުރެއްވުމަށާއި، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް އަޔަލެންޑްގެ ނޮން ރެޒިޓެންޑް ސަފީރަކަށް އައްޔަނު ކުރެއްވުމަށެވެ.
މީގެ އިތުރުން، ރާއްޖެއިން ބެލްޖިއަމްއަށާއީ ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ ޔޫކްރޭންގެ ނޮން ރެޒިޓެންޑް ސަފީރަކަށް އައްޔަނު ކުރެއްވުމަށް ވަނީ ނަން ފޮނުއްވަވާފައެވެ.

