އަންނަ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންފާނެކަމަށް ބެލެވޭކަމަށް އިންޑިއާގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފިއެވެ.
ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޖުލައި މަހު މޯދީ ރާއްޖެ ވަޑައިގެންނެވުމަށް ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ދައުވަތު ލިބިފައެވެ. އަދި އެ ދައުވަތު ޤަބޫލު ކުރެއްވުމަށް މޯދީގެ ސަރުކާރުން ވިސްނަމުންދާކަމަށް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.
މި ދަތުރުފުޅުގެ މައިގަނޑު ޕްރޮގްރާމްތަކާއި އެޖެންޑާތައް އަދި ކަށަވަރު ނުވާކަން ފާހަގަކޮށް އެ ނޫހުން ބުނެފައިވަނީ، މި ދަތުރުފުޅު ކުރައްވާނެކަމަށް ބެލެވެނީ ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 އާ ދިމާކޮށް ކަމަށެވެ.
އެހެންކަމަށްވާނަމަ މި ދަތުރުފުޅުވާނީ 2023 ގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވި ފަހުން އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށްކަމަށްވެސް ޓައިމްސް އޮފް އިންޑިއާއިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ދާޚިލީ ކަންކަމުގައި ނުފޫޒު ފޯރުވައި، ރާއްޖެ ޤުދުރަތީ ގޮތުން އުފެދިފައިވާ ސަރަޙައްދުގެ ނާޖާއިޒް މަންފާ ނެގުމަށް ބޭރުގެ އެއްވެސް ޤައުމަކަށް ފުރުސަތު ނުދެއްވާނެކަމަށް ރައީސް ލަންކާގެ ނޫހެއްކަމަށްވާ ސިލޯންޓުޑޭއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވާއިރު، އެ ވާހަކަފުޅުތަކަށްވެސް ޓައިމްސް އޮފް އިންޑިއާއިން ވަނީ އަލިއަޅުވާލާފައެވެ.
އެ ބަސްދީގަތުމުގައި ރައީސް ވިދާޅުވީ، އިންޑިއާ އައުޓް ޙަރަކާތުގެ މަފްހޫމް ބައެއް ފަރާތްތަކަށް ހަގީގަތުގައި އޮޅިފައިވާ ކަމަށެވެ. އެގޮތުން އެ ޙަރަކާތަކީ ހަގީގަތުގައި އިންޑިއާއާ ދެކޮޅު ޙަރަކާތެއް ނޫންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެއީ ހަމައެކަނި އިންޑިއާގެ އަސްކަރިއްޔާ ދިވެހި ފަސްގަނޑުން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ޙަރަކާތެއް ކަމަށެވެ.
ރައީސް ވިދާޅުވީ، މިނިވަން ސިޔާދަތީ ޤައުމެއްގެ ގޮތުގައި ދެމި އޮތުން ރާއްޖެއަށް ނުހަނު މުހިއްމު ކަމަށާއި، އެހެން ޤައުމުތަކުން ރާއްޖޭގެ ދާޚިލީ ކަންކަމުގައި ބަސް ބުނުމަކީ ރާއްޖެއިން ބޭނުންވާ ގޮތެއް ނޫންކަމަށެވެ.

