ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ އިދާރާތަކަށް ލައިސަންސް ދޫކުރާނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވުމުން: އެމްއެމްއޭ

އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލީ އިދާރާތަކަށް ލައިސަންސް ދޫކުރާނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވުމުންކަމަށް މަރުކަޒީ ބޭންކް (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން މިހެން ބުނީ ބޭންކިންގ ލައިސަންސް ދޫކުރުމުގައި އެ އޮތޯރިޓީން ޢަމަލުކުރާ އިޖުރާއަތުތަކާގުޅޭ ގޮތުން ޢާންމުންނަށް އޮޅޭ ގޮތަށް އަދި މި އޮތޯރިޓީން ހިންގާ ލައިސަންސިންގ ނިޒާމުގެ ނަޒާހަތްތެރިކަން ގެއްލޭ ގޮތަށް ތެދު ނޫން ޚަބަރު މީޑިއާގައި ފަތުރަމުންދާތީކަމަށް ފާހަގަކޮށެވެ.

ޤާނޫނު ނަންބަރު: 2010/24 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) ގެ ދަށުން މި އެމްއެމްއޭއިން ބޭންކެއް ހިންގުމަށް ލައިސަންސް ދޫކުރުމުގައި ޢަމަލުކުރަނީ 3 މަރުޙަލާއަކަށްކަމަށް ބަޔާނުގައިވެއެވެ. އެއީ، ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް ފުރިހަމަކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަރުޙަލާ އާއި، ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގެ މަރުޙަލާ އާއި، ލައިސަންސް ދިނުމުގެ މަރުޙަލާއެވެ.

ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގައި އެމްއެމްއޭއިން ބަލާނީ، ލައިސަންސަށް އެދި ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަމަށާއި، ސޯސް އޮފް ކެޕިޓަލްއަށާއި، ޙިއްސާދާރުންނާއި ސީނިއަރ މެނޭޖްމެންޓްގެ ފިޓް އެންޑް ޕްރޮޕަރ އަށާއި، ހުށަހަޅާފައިވާ ބިޒްނަސް ޕްލޭންއަށްކަމަށް އެ އޮތޯރިޓީއިން ބުންޏެވެ. މި މަރުޙަލާގައި ހުށަހެޅުން ފުރަތަމަ ވަޒަންކުރާނީ، އެމްއެމްއޭގެ ލައިސަންސިންގ ސެކްޝަނުންކަމަށާއި، މި ސެކްޝަނުން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ހުށަހެޅުމާއި އެ ސެކްޝަނުގެ ލަފާ ގެންދާނީ މި އޮތޯރިޓީގެ ”އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިންގ“ އަށްކަމަށް ބުންޏެވެ. އަދި މި ކޮމިޓީން ހުށަހެޅުން ވަޒަންކުރުމަށްފަހު، އެ ކޮމިޓީގެ ލަފަޔާއެކު ގަވަރުނަރަށް ހުށަހެޅުމުން، އެ ހުށަހެޅުން އޮތޯރިޓީގެ ބޯޑަށް ހުށަހަޅައި، ލައިސަންސް ދިނުމާގުޅޭ ގޮތުން ގޮތެއް ނިންމާނީ އޮތޯރިޓީގެ ބޯޑުންކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ އޮތޯރިޓީގެ ބޯޑުން ލައިސަންސް ދިނުމަށް ނިންމައިފިނަމަ، ލައިސަންސްއަށް އެދި ހުށަހެޅި ފަރާތަށް ފުރަތަމަ ދޫކުރާނީ ”ކޮންޑިޝަނަލް“ ހުއްދައެއްކަމަށެވެ. މީގެ ބޭނުމަކީ، ވަކި ކަންކަމެއް ފުރިހަމަ ކުރުމަށް (މިސާލަކަށް، ކުންފުނި ރަޖިސްޓަރ ކުރުމަށާއި، އައިޓީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށާއި، ތަން އޮޕަރޭޝަނަލައިޒްކުރުމަށް) މުއްދަތެއް ދިނުންކަމަށް ފާހަގަކޮށް އެމްއެމްއޭއިން ބުނީ މި މުއްދަތުގެ ތެރޭގައި، ބޭންކުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްފިނަމަ، އޮތޯރިޓީން އެތަނެއް އެސެސްކުރުމަށްފަހު އޮޕަރޭޝަން ފެށުމަށް ލައިސަންސް ދޫކުރާނެކަމަށެވެ.

ބޭންކިންގ ލައިސަންސްއަކަށް އެދި އޮތޯރިޓީއަށް ހުށަހަޅާ ހުށަހެޅުމަކަށް އެ މަރުޙަލާގެ ދަށުން ބޯޑުން ހުއްދަ ނުދިނުމަށް ނިންމި ނަމަވެސް، އަލުން ލައިސަންސަށް އެދި ހުށަހެޅުމުގެ ކުރިން ”ކޫލިންގ އޯފް ޕީރިއަޑް“ އެއް ޤާނޫނުން ލާޒިމުނުކުރާތީ، އަލުން ލައިސަންސްއަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންނަކަމަށް އެމްއެމްއޭއިން ބުންޏެވެ. މިގޮތުން، އަލުން ލައިސަންސްއަށް އެދި ހުށަހެޅުމުން އައު އެޕްލިކޭޝަނެއްގެ ގޮތުގައި އެ ހުށަހެޅުން ވަޒަންކުރުމަށް ޓަކައި، މުޅި އިވެލުއޭޝަން މަރުޙަލާ އަލުން ހިންގޭނެކަމަށާއި، އަދި ލައިސަންސް ދޫކުރެވޭނީ، އިވެލުއޭޝަންގެ ހުރިހާ މަރުޙަލާތަކެއް ފުރިހަމަކުރުމަށްފަހު، ހުށަހެޅުމުގައި ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާކަމަށް ބޯޑުން ނިންމައި، ލައިސަންސް ދިނުމަށް ބޯޑުން ނިންމުމުންކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ މާލީ ދާއިރާ ހަރުދަނާކަންމަތީ ކުރިއަށް ގެންދިއުމަށާއި، މި ދާއިރާގެ ނަޒާހަތްތެރިކަން ހުރިހާ ހަރުފަތެއްގައި ވެސް ޤާއިމްކުރާކަން ކަށަވަރުކުރުމަކީ މި އޮތޯރިޓީން އަބަދު ވެސް އެންމެ އިސް އަހަންމިއްޔަތުކަމެއްދޭ ކަންކަންކަމަށެވެ. މިގޮތުން، ދިވެހިރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް މި އޮތޯރިޓީން ލައިސަންސް ދޫކުރާނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުންކަމަށް އެމްއެމްއޭއިން ވަނީ ޔަގީންކަން ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: