މި އަހަރުގެ މޭ މަހުގެ ތެރޭގައި ވައްކަމުގެ 327 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
ފުލުހުން އާންމުކޮށްފައިވާ މޭ މަހުގެ ތަފާސްހިސާބުތަކުން ފެންނަގޮތުން މޭ މަހުގެ ތެރޭގައި އެންމެ ގިނައިން ހުށައެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. ދެވަނައިގައި އޮތީ ޓްރެފިކް އެކްސިޑެންޓުތައްކަމަށްވާއިރު އެ ބާވަތުގެ 269 މައްސަލަ ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީވެސް ވައްކަމުގެ މައްސަލަތަކެވެ. މިގޮތުން އެ ބާވަތުގެ 1283 މައްސަލައެއް ހުށައެޅިފައިވާއިރު ޓްރެފިކް އެކްސިޑެންޓުތަކާއި ގުޅިގެން 1272 މައްސަލައެއް ހުށައެޅިފައިވެއެވެ. ފުލުހުން ބުނާގޮތުން މިހާތަނަށް މަސްތުވާތަކެއްޗާއި ގުޅުންހުރި 749 މައްސަލައެއްވެސް ރެކޯޑުކުރެވިފައިވާކަމަށެވެ.
މި އަހަރުގެ ތެރޭގައި މުދަލާއި ތަންތަނަށް ގެއްލުންދިނުމުގެ 250 މައްސަލައެއްވެސް ފުލުހުންނަށް ހުށައެޅިފައިވާއިރު މާރާމާރީގެ 254 މައްސަލައެއްވެސް ފާހަގަކުރެވިފައިވެއެވެ. މި އަހަރުގެ ތެރޭގައި ފޭރުމުގެ 102 މައްސަލައެއް ފުލުހުންގެ ތަފާސްހިސާބުތަކުން ފެންނައިރު މި އަދަދަށް ޖިންސީ ކުށްތައްވެސް ރެކޯޑުކުރެވިފައިވެއެވެ.
މުދާ ގެއްލިގެން ހުށައަޅާފައިވާ 405 މައްސަލައެއް ހިމެނޭއިރު ގެވެށި އަނިޔާގެ 100 މައްސަލައާއި ހިޔާނާތްތެރިވުމުގެ 152 މައްސަލައިގެ އިތުރުން ލިޔެކިއުން ނަކަލުކޮށް އޮޅުވާލުމުގެ 32 މައްސަލައެއްވެސް ފުލުހުންނަށް ހުށައެޅިފައިވެއެވެ.

