ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތިމާވެށީގެ މައިގަނޑު 1 ވަޢުދު ކަމުގައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރިއަށްދާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިނިސްޓްރީން ބުނީ، ދިވެހިރާއްޖެއިން މަދުވެފައިވާ ގަހެއް ކަމުގައިވާ ހައިވަކަރު ގަސް ޝައުގުވެރިކަން ފާޅުކުރެއްވި ރިސޯޓުތަކަށް ހަދިޔާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.
މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ގަސްތަކަކީ، ސްރީލަންކާ ސަރުކާރުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ހަދިޔާ ކުރައްވާފައިވާ ގަސްތަކެކެވެ. މި ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއިއެކީ މިހާރުވަނީ ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި އިންދުމަށް ހައިވަކަރު ގަސް ފޮނުވާފައެވެ. މިހާރު ކުރިއަށް ދަނީ ރިސޯޓުތަކަށް 2 ހައިވަކަރު ގަސް ހަދިޔާ ކުރުމުގެ މަސައްކަތެވެ.
މިޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ގަސްތައް ހަދިޔާކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި އިންތިޒާމްތައް ކުރިއަށް އެބަދެއެވެ. ހައިވަކަރު ގަސްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތިން ލޭންޑްމަރކްއެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެކެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވާ، ގަސް އިންދުމުގެ އެކި ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާނެއެވެ. މިގޮތުން ކޮންމެ އަތޮޅެއްގެ އެއް ރަށެއްގައި 5 މިލިއަން ގަސް އިންދުމުގެ ޙަރަކާތް ޕްރޮމޯޓު ކުރުމަށް ބެނަރއެއްވެސް ފޮނުވިފައިވެއެވެ. ހަމަ މިއާއިއެކީ، މ އަތޮޅާއި، ރ އަތޮޅު އަދި ށ އަތޮޅުގައި މި ހިގާ ޖޫން މަސްތެރޭ ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މިހާތަނަށް 565000ގަސް އިންދިފައިވެއެވެ.

