ތޮއްޖެހުމުގެ މައްސަލަ ބޮޑުވަމުންދާއިރު ދަތުރުފަތުރުގެ ނިޒާމާއިމެދު އަލުން ވިސްނާލުން މުހިންމުކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ބައިސިކަލް ދުވަހުގެ މުނާސަބާގައި އެކްސް މެދުވެރިކޮށް އާންމުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި ދުވަހަކީ ބައިސިކަލްތަކުން ވެއްޓާއި އިންސާނުންގެ ހަޔާތަށް ގެނުވާ ބަދަލުތައް ފާހަގަކުރާ ދުވަހެއްކަމަށެވެ.
ރައީސް ވިދާޅުވީ، ބައިސިކަލްތަކަކީ ސާދާ ހަރަދަުކުޑަ ދެމެހެއްޓިނިވި ދަތުރުފަތުރުގެ ކުރުމުގެ ވަސީލަތެއްކަމަށެވެ. އަދި އެއީ ފެހި ރަށްތަކެއް ބިނާކުރުމަށްޓަކައިވެސް ބޭނުންކުރެވޭ ވަސީލަތެއްކަމަށް އިޝާރާތްކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ސިޓީތައް ތޮއްޖެހެމުންދާއިރު ދަތުރުފަތުރުގެ ނިޒާމާއިމެދު އަލުން ވިސްނާލަން ޖެހޭކަމަށެވެ. އަދި މި ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ދަށުން ސަރުކާރުންދަނީ ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައިވެސް ތިމާވެއްޓަށް ރައްކައުތެރި ގޮތެއްގެ މަތިން ބައިސްކަލު ދުއްވާ އުޅެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި މަސައްކަތްތައް ކުރަމުންކަމަށް ފާހަގަކުރެއްވިއެވެ.

