ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ބައެއް ހިމަނައި، ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާފައިވާ މައްސަލައެއްގައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މީޑިއާތަކަށް އާންމު ކުރި ބަޔާނެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ފުލުހުންގެ ހިދުމަތާއި ގުޅިގެން ތަހުގީގު ކުރަމުން ގެންދިޔަ އެ މައްސަލައިގައި ގިނަ ހެއްކާއި ގަރީނާ ހޯދިފައިވާކަމަށެވެ. އަދި ގެދޮރުވެރިޔާ ސްކީމްގައި ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދިންކަމަށް އެނގޭތީ އެ މައްސަލަ ފޮނުވާފައި ވަނީ މިއަދުކަމަށް ވެސް ވަނީ ބުނެފަ އެވެ.
ކޮމިޝަނުން ބުނީ މައްސަލައިގައި ފޮނުވާފައި ވަނީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކޮށްދިނުމަށް އެދިއެވެ.
ދައުވާކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ ޕްލޭނިން އެންޑް ހައުސިންގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި އޭރު ހުރި ފޮނުވާފައިވަނީ، މއ. އެވަރލާސްޓް، އަކްރަމް ކަމާލުއްދީންއާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި ހއ. އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފްގެ އިތުރުން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަގާމުގައި އޭރު ހުރި މއ.ވިރާޙް، ޟިރުޢާމް ވަޙީދުހެ އިތުރުން ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުރި މއ. އިހާދޫ، އަޙްމަދު ވިޝާން ނަސީމްގެ މައްޗަށެވެ.
މި މައްސަލައިގެ ތަހުގީގުގައި ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި، އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭތީ، އެކުށްތަކުގެ ތަހުގީގު ކުރަމުންދާކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

