މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ”ރައްކާ“ ގެ ނަމުގައި ކުރިއަށްގެންދާ ހާއްސަ ކެންޕެއިންގެ މި އަހަރުގެ ބައިވެރިންނާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އަންގާރަ ދުވަހު އިސްކަންދަރުކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމާޝަލް އޮފިސަރ އޮފް މޯލްޑިވްސް ހުސައިން ނިޔާޒް އެވެ. އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ ނަސްރަތު މުޙައްމަދު އެވެ އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސައުދީ އެވެ.
މި ރަސްމިއްޔާތުގައި އެ ކުންފުނިތަކުގެ ފަރާތުން ވަނީ މިފަދަ ކެމްޕޭނެއް ކުރިއަށް ގެންދިއުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
މީގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ނަވީން ވަނީ މި ކެމްޕޭން މުހިއްމުވާ ސަބަބުތައް ކިޔާދެއްވާފައެވެ.
ނަވީން ވިދާޅުވީ، މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭން ޖެހޭނެ ކަމަށާއި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަންވެސް ދަމަހައްޓަންޖެހޭނެ ކަމަށެވެ.
މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަން އެއީ އަޅުގަނޑުމެން އެންމެ އިސްކަމެއްދޭނެ ކަންކަން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަކީ އަޅުގަނޑުމެން އެންމެންގެވެސް މަސްއޫލިއްޔަތެއް
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަވީން ވަނީ އެމްޓީސީސީއާއި، އެލައިޑް އަދި އުރީދޫއިން މިފަދަ ޙަރަކާތްތަކަށް ދޭ އެހީތެރިކަންވެސް ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، މާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި ރޯޑް ޕޮލިސް ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު އާއި އެ ތިން ކުންފުނީގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މިއަދު މި ސޮއިކުރި މި އެއްބަސްވުންތަކުގެ ދަށުން ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިންވެންޝަނުން 2025 ވަނަ އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕެއިން’ރައްކާ‘ ގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
”ރައްކާ“ ކެމްޕޭނަކީ މަގުމަތީގެ ރައްކާތެރިކަމަށް މީހުން އަހުލުވެރިކުރުވަން ފާއިތުވި އަހަރުތަކުގެ ތެރޭގައި ފުލުހުން ކުރިއަށްގެންދާ ކެމްޕޭނެކެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މި ކެމްޕޭން ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ. އަދި ހައިވޭގެ ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި ޗެކް ޕޮއިންޓު ބަހައްޓައި އުޅަނދުތައް ހުއްޓުވައި ބަލާފާސްކުރުންވެސް ހިމެނެއެވެ.

