އައްޑޫ އަތޮޅުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ނިމިދިޔަ ސަރުކާރުން 1 ބިލިއަނާއި ގާތްކުރާ އަދަދަކުން އަގުކުރެވޭ ޕްރޮޖެކްޓުތައް ހިންގާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި މާލެ ސަރަަހްދުން ކަރަންޓު ކެނޑު މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ޒަރީރު ވިދާޅުވީ، އެކަމަކީ މި ސަރުކާރުގެ ފެއިލިއާރއެއް ނޫންކަން ގަބޫލުކުރަންޖެހޭކަމަށާއި ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަތާ ޒަމާންތަކެއް ވެފައިވާކަމަށެވެ. އަދި އެ މައްސަލަ ދިމާވުމުން އެނގިގެން ދިޔައީ ނިމިދިޔަ އެއްވެސް ސަރުކާރަކުން އެފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ބަލައި ތައްޔާރީ ފިޔަވަޅުތަކެއް އަޅާފައި ނެތްކަން ކަމަށް ހިއްސާކުރެއްވިއެވެ.
ޒަރީރު ވިދާޅުވީ، ތައްޔާރުވުން މާނަކުރެއްވި އެފަދަ މައްސަލައެއް ދިމާވުމުން ދެން ކަންކުރަންޖެހޭ ގޮތް ކަނޑައެޅިފައި ނެތުންކަމަށެވެ. އަދި މިފަދަ މައްސަލަތައް ދިމާވެގެން އަންނަނީ އެ ހާލަތު އުފެދިގެން ނުދާނެ ގޮތެއްގެ މަތިން ނިޒާމުތައް ބައްޓަންކޮށްފައި ނެތުމުންކަމަށާއި މިއީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި އެޅުވުމަށްފަހު އިދިކޮޅު ފަރާތްތަކަށް ނިންމާލެވެން އޮތްކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށްވެސް ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، އެހެން ވިދާޅުވެވެނީ މީގެ ކުރިން މިފަދަ މައްސަލަތައް ދިމާވެދާނެކަމަށް ބަލައި ހައްލުތަކެއް ގެނެސްފައިވާނަމަ އެ ހާލަތު މެދުވެރިވުމަށް ފުރުސަތު ނޯންނާނެކަމަށް ވުމުންކަމަށެވެ. ޒަރީރު ވިދާޅުވީ، މި ވެރިކަމަށް ވީ ދޮޅު އަހަރެއްހާ ދުވަސްކަމަށާއި މާލެއަކީ ރާއްޖޭގެ ކެޕިޓަލް ސިޓީކަމަށްވީނަމަވެސް ކަރަންޓާއި ގުޅުންހުރި ވަރަށް ބޮޑެތި މައްސަލަތައް ހުރިކަމަށެވެ.
ޒަރީރު ވިދާޅުވީ، ރާއްޖޭގެ އާބާދީ ބޮޑު ރަށްތަކުން ފެށިގެން ކުދި ކދުި ރަށްތަކުގައިވެސް އެ މައްސަލަ ހުރިކަމަށާއި ޖުމުލަ ގޮތެއްގައި މުޅި ރާއްޖޭގައިވެސް ކަރަންޓުގެ މައްސަލަ ދިމާވަމުން އަންނަކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ހައްލުކުރުމަށްޓަކައި މި ސަރުކާރުން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މައުލޫމާތު ދެއްވިއެވެ.
ޒަރީރު ވިދާޅުވީ، އައްޑޫ އަތޅަށް ބަލާއިރު އެ ސަރަހައްދުގައި ކަރަންޓުގެ މައްސަލަތަކަށް ހައްލުތަކެއް ގެނައުމަށްޓަކައި ނިމިދިޔަ ސަރުކާރުތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފެންނަން އޮތްކަމަށެވެ. ނަމަވެސް އެކަންކަމުން ނަތީޖާއެއް ނެރެވިފައިވާ މަންޒަރު ފެންނަން ނެތްކަމަށާއި މައުލޫމާތު ކުށްކަމުގައި ނުވާނަމަ ނިމިދިޔަ ސަރުކާރުންވަނީ އެއް ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދަކުން އަގުކުރެވޭ ޕްރޮޖެކްޓުތައް އެ ސަރަހައްދުގެ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ހިންގާފައިކަމަށް ފާހަގަކުރެއްވިއެވެ.
ޒަރީރު ވިދާޅުވި، އެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންގޮސް ހަރަދުތަކެއް ކޮށްފައިވާއިރު އަދިވެސް އެ ސަރަހައްދުގެ ކަރަންޓުގެ މައްސަލަތައް ހައްލުވެފައިނުވާކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ހަރަދުކޮށްގެން ޕްރޮޖެކްޓުތައް ހިންގާފައިވާއިރު މައްސަލަ ހައްލުވެފައިނުވާނީ ކޮން ސަބަބާއި ގުޅިގެންތޯ ސުވާލު އުފެދޭކަމަށް ވިދާޅުވިއެވެ.

