ސަރުކާރެއްގެ ތެރޭގައި ހިނގަމުން ދާ ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ނުބަލައި އޮތުމަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން އަބަދުވެސް އެކްޓިވޭޓު ވަނީ ރިޔާސީ އިންތިހާބެއް ނިމި އައު ސަރުކާރެއް އުފެދުމުގެ މަރުހަލާގައިކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ހުސެއިން ވިދާޅުވީ، ދައުލަތުގެ މުދާތައް ނަހަމަ ގޮތުގައި ބޭނުންކޮށް މުއްސަނދި ދިރިއުޅުމެއްގައި އުޅޭ އެތައް ބަޔަކު އެބަތިބި ކަމަށެވެ. އެހެން ނަމަވެސް އެފަދަ މީހުންނަށް ލިބިފައިވާ ނުހައްގު މުއްސަނދިކަން ކުރީގައި އޮތް ގާނޫނުގެ ތެރެއިން ބަލައި ދައުލަތަށް އެ މުދަލެއް ނެގޭނެ ގޮތެއް ނުވާކަމަށް މެމްބަރު ވިދާޅުވި އެވެ.
މި ސަރުކާރުން ގާނޫނުލްއުޤޫބާތައް ގެނައި އިސްލާހުގައި އެކަން ހައްލުކޮށް، ނުހައްގު މުއްސަނދިކަން އެ މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ މުދާ ނެގޭނެކަމަށް ބުނެފައި އޮންނާނެކަމަށް ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ އިންސާފުގެ ވާހަކަ ދައްކާއިރު، އެކަން ގާއިމު ކުރުމަށް ހެދިފައި ހުރި ގިނަ ގާނޫނުތައް އެބަހުރިކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އައިއިރު އެފަދަ ގާނޫނުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވޭކަން ފާހަގަކުރެއްވި އެވެ.
ގެންނަ ހަރުކަށި އުސޫލެއްގެ ތެރެއިން ގާނޫނުގެ ދަށުން ބުނާ ފިޔަވަޅުތައް ހާމައަށް އެޅުމުން، އިތުރު ބަޔަކު ކުށް ކުރުމަށް ޖެހިލުންވާނެކަމަށް ހުސެއިން ވިދާޅުވި އެވެ. އަދި ވިދާޅުވީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ނެގުން، ނުވަތަ މަގާމުގެ ނާޖާއިޒް ފައިސާ ނެގުމުގެ މައްސަލައެއްގައި އެންމެ މީހެއްގެ މައްޗަށް ކުށް ސާބިތުކޮށް އެ މީހަކު އެ ކުށްކޮށްގެން ހޯދި ފައިސާ ދައުލަތަށް ނަގައިފި ނަމަ އޭގެ ނަތީޖާ ފެންނާނެކަމަށެވެ. އެއީ އިތުރު ބަޔަކު ކުށް ކުރުމަށް ފަސްޖެހި، ގާނޫނަށް އިތުރު ބާރުވެރިކަމެއް ލިބިގެން ދިއުންކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.
ކީއްވެގެންތޯ އިސްލާމްދީނުގައި މުޖްތަމައުގައި އަމާންކަން ގާއިމުކުރުމަށްޓަކައި، ވައްކަން ކުރާ މީހާގެ އަތް ބުރިކުރަން އޮތީ.. މަރަށް މަރު ހިފުން..
މިފަދަ މައްސަލަތައް ބެލުމުގެ ޒިންމާ އޭސީސީއަށް އޮތް އިރު އެ ކޮމިޝަނަށް ލިބޭ ބާރުތަކުގެ ބޭނުން ކުރަނީ ކިހާ މިންވަރަކަށްތޯ ހުސެއިން ސުވާލު އުފެއްދި އެވެ.
ހުސެއިން ވިދާޅުވީ މުޅި ދައުރުގެ ތެރޭގައި ހިނގާ އެއްވެސް މައްސަލައެއް ނުބަލައި ނަހުގީގު ނުކޮށް އޮވެ، އެ ކޮމިޝަން ކުއްލިއަކަށް ހޭއަރާ ހިސާބަކީ އިންތިހާބު ނިމި އެހެން ސަރުކާރެއް އުފެދުމާއި ދެމެދު އޮންނަ ޓްރާންސިޝަން މުއްދަތު ކަމަށެވެ. އެހެން ނަމަވެސް އެއީ މަގާމު ގެއްލިދާނެކަމުގެ ބިރަށް، ނުވަތަ ނުފޫޒެއްގެ ސަބަބުން ތިބޭ ތިބުމެއްކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމައި ޗުއްޓީއަށް ދިއުމުގެ ކުރިޔަށް، އެސެޓް ރިކަވަރީ ގާނޫނެއްގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަ ދެކެވުނެވެ.
ފައިސާ ނަހަމަ ގޮތުގައި ބޭނުކޮށްގެން ލިބޭ މުދާ ދައުލަތަށް ނެގޭނެ ރަނގަޅު ނިޒާމެއް ނެތް އިރު، ދައުލަތަށް ގެއްލިފައިވާ ފައިސާއާއި މުދާ ހޯދުމަށް ގާނޫނެއް ވުޖޫދު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
އެމަނިކުފާނު ވަނީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ވިއްކައިގެން ކުޑަ ފައިދާއެއް ހޯދުން ފަދަ ކަންކަން ކޮށްފައިވާ މީހުންގެ އަތުން އެ ފައިސާތައް ރިކަވާރ ކުރެވޭނެ ނިޒާމެއް ގާއުމު ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

