ދިވެހިރާއްޖޭގެ މޫސުމާބެހޭ ވިއުގައިގެ ފެންވަރު ރަނގަޅުކުރުމުގެ މަޝްރޫއުގެ ދަށުން ނ. އަތޮޅު މާފަރުގައި މޫސުން ބަލާ އޮބްޒަވަޓަރީއެއް ގާއިމުކުރުމަށް ނިންމައިފިއެވެ. މިއީ ދިވެހިރާއްޖޭގައި ގާއިމުކުރެވޭ 6 ވަނަ އޮބްޒަވަޓަރީއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބޭއްވި މަސައްކަތު ބައްދަލުވުމުގައި، މޫސުމާ ބެހޭ ގައުމީ އިދާރާގެ އިތުރުން، ޔުނައިޓެޑް ނޭޝަންސް އެންވައިރަމެންޓް ޕްރޮގުރާމް، ފިނިޝް މިޓީއޯރޮލޮޖިކަލް އިންސްޓިޓިއުޓް އަދި ރީޖަނަލް މަލްޓީ ހާޒާޑް އާލީ ވާނިންގ ސިސްޓަމް ފޯ އޭޝިއާ އެންޑް އެފްރިކާގެ އިތުރުން ރާއްޖޭގެ އެކި މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އޮބްޒަވަޓަރީއަކީ ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް އާއި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން އަދި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ގުޅިގެން 4 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ ހާއްސަ މަޝްރޫއުގެ ދަށުން ގާއިމުކުރެވޭ ފެސިލިޓީއެކެވެ. މި އޮބްޒަވަޓަރީ މެދުވެރިކޮށް ރާއްޖޭގެ މޫސުން ބަލާ ވިއުގައިގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި، ”މި މަޝްރޫއާއިއެކު ރާއްޖޭގެ މޫސުން ބަލާ ވިއުގައިގެ ފެންވަރު މަތިވެ، މޫސުން ގޯސްވުމާއިއެކު ދުރާލާ އިންޒާރު ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ“ އެވެ. އަދި ދުނިޔޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ނެޓްވޯކަށް ދިވެހިރާއްޖެއިން އަދާކުރާ ހިއްސާގެ ފެންވަރުވެސް އިތުރަށް މަތިވެގެންދާނެކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.
މިހާރު ރާއްޖޭގައި މޫސުމާބެހޭ އޮބްޒަވަޓަރީތައް ހުޅުލެ، ހ.ދ ހަނިމާދޫ، ލ. ކައްދޫ، އައްޑޫ ސިޓީ ގައުމު އަދި ގ.ދ ކާޑެއްދޫގައި ގާއިމުކުރެވިފައިވާއިރު، މި އައު އޮބްޒަވަޓަރީއާއެކު ރާއްޖޭގެ މޫސުމާބެހޭ ވިއުގަ އިތުރަށް ފުޅާވެގެންދާނެއެވެ.

