އިމާންތެރިކަމުގެ ސަބަަބުން އިންސާނާގެ ރައްކާތެރިކަމާއި ދުނިޔެއާއި އާޚިރަތުގައިވެސް ހެޔޮކަން ލިބިގެންދާނެކަމަށް ހައްޖު ހުތުބާގައި ގޮވާލައިފިއެވެ.
މަސްޖިދުއްނަމިރާގައި ދެއްވި ހައްޖު ހުތުބާގައި ވަނީ އިހްސާންތެރިކަން އިސްކޮށް މުސީބާތްތަކަށް ކެތްތެރިވުމަށެވެ. ތަގުވާވެރިކަމަކީ އިބާދާތުގެ އިތުުރުން އަހުލާގާއި ރިވެތި ސުލޫކާއި އަމާނާތްތެރިކަމާއި ތެދުވެރުކަމާއި އަދި އަނެކާއަށް އިހުތިރާމްކޮށް އަނެކާގެހައްގުތަކަށް އަރައިނުގަތުން ކަމަށްވެސް ވިދާޅުވިއެވެ.
އީމާންކަމުގެ އެންމެ މަތީ ދަރަޖައަކީ މާތްﷲ މެނުވީ ހައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށް ހެކިވުންކަން މިއަދުގެ ހައްޖު ހުތުބާގައި ބަޔާންކުރެއްވިއެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމާއި މީސްތަކުންނަށް އޯގާތެރިވުމާއި ރިވެތި އަހުލާގަކީ ވެސް އީމާންކަމުގެތެރޭ ހިމެނޭ ކަމެއް ކަން ބަޔާންކޮށްދެއްވިއެވެ. ލަދުވެތިކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައިކަން ބުނެދެއްވައި ފަހުރުވެރިވާ މީހުންދެކެ ﷲ ލޯބިވެވޮޑިނުގަންނަވާނޭކަން ވެސް ބަޔަންކޮށްދެއްވިއެވެ.
މީސްތަކުންގެ މެދުގައި ބައިބައިވުން ނުބޭއްވުމަށާއި ރުޅިވެރިކަން އޮތް މީހުންނަށް ވެސް ހެޔޮ ބަދަލެއްގެ ގޮތުން ނޫނީ ރައްދު ނުދިނުމަށް ގޮވައިލެއްވިއެވެ. އަދި އެކަމަކީ ރުޅިވެރިކަން ފިލައިގޮސް އެކުވެރި ވެވޭނެ ސަބަބެއް ކަމުގައި ބުނެދެއްވިއެވެ.
އީމާންވުމުގައި ﷲގެ އިސްމުފުޅުތަކަށާއި އެއިލާހުގެ ސިފަފުޅުތައް އެނގުމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އެއިލާހަކީ ހުރިހާއެއްޗަކާއި ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހުކަމާއި ކަންކަމުއެދި އެއިލާހަށް ދުޢާކުރުމަށް ނަސޭހަތްތެރިވިއެވެ.
ހުރިހާ މުސްލިމުންނަށް ޚުޠުބާގައި ގޮވައިލެއްވީ ކަންކަމުއެދި ދެންނެވުން ވަނީ ހަމައެކަނި ﷲގެ ހަޟުރަތުންކަމަށެވެ. އެނޫން ފަރާތްތަކުން ގޮވައިދަންނަވައި ނުއުޅުމަށް ޙުޠުބާގައި ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނާއި ހާއްސަކޮށް ގައްޒާގެ ރައްޔިތުން އޒްރޭލުގެ އިސްތިއުމާރާއި އަނިޔާވެރިކަމުގެ ސަބަބުން އުޅެންޖެހިފައިވާ ގިލަންވެރި ހާލަތަށް ބައްލަވައި ގައްޒާގެ ރައްޔިތުން އަނިޔާވެރިކަމުން ސަލާމަތްކުރުމަށް ގޮވާލާ ވަނީ ދުއާ ކުރައްވާފައެވެ.

