ސަރުކާރުން އަލަށް ތަޢާރަފުކުރާ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް ވެހިކަލްތައް (އީވީ ޓެކްސީތައް) ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދަށް މިނިސްޓަރ އަމީން ޒިޔާރަތްކުރައްވައި، އެ ސަރަޙައްދު ބައްލަވާލައްވައިފިއެވެ.
މިނިސްޓަރ އަމީންގެ މި ޒިޔާރަތުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޒިޔާރަތުގައި މިނިސްޓަރ އަމީން ވަނީ އީވީ ޓެކްސީތައް ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުގެ އިންފްރާސްޓްރަކްޗަރ އަދި ޗާޖިންގ ސްޓޭޝަންތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. އަދި މި މަޝްރޫޢުގެ ދަށުން ގެންނަ އީވީ ޓެކްސީތަކުގެ ފުރަތަމަ ބެޗް ރާއްޖެ އައުމުގެ ކުރިން ހުރިހާ މަސައްކަތެއް ނިންމުމަށް ވަރަށް ބާރު ސްޕީޑެއްގައި ދަނީ މަސައްކަތްކުރެވެމުންނެވެ.
މި އައު ޓެކްސީ ލައިން ޚިދުމަތަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށާއި، ތިމާވެށްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ގެންނަ އީވީ ޓެކްސީތައް މާލޭގެ މަގުތަކުގައި ދުއްވަން ފެށޭނެކަމަށް ލަފާކުރެވެނީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މި ޚިދުމަތް ފެށުމުން، ތިމާވެށްޓާއި ރައްޓެހި އަދި ރައްކާތެރި ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެއެވެ.

