ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ ތިން ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ފްރާންސްއަށް ފުރާވަޑައިގެންފިއެވެ.
މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޖޫން 9 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް، ފްރާންސްގެ ނީސްގައެވެ. މި ކޮންފަރެންސް ހުޅުވާ ސެޝަނުގައި މިނިސްޓަރ ޝިޔާމް ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރުގެ ވާހަކައިގައި ދެމެހެއްޓެނިވި މަސްވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތަކާއި، ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކުން ކަނޑުގެ ވެށި ޙިމާޔަތްކޮށް ބެލެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވާނެއެވެ.
މި ކޮންފަރެންސްގެ އެކި ސެޝަންތަކުގައި ރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ.
ކަނޑުގެ ނާޒުކު ވެށި ރައްކާތެރިކުރުމާއެކު ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރާ ގައުމުތަކުގެ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ބައިނަލްއަގްވާމީ ދުނިޔެއިން ބަލައިގަތުމުގެ މުހިއްމުކަމާއި ގުޅޭ ގޮތުން މި ކޮންފަރެންސްގައި ރާއްޖެއިން ވަރަށް ބޮޑަށް ވަކާލާތުކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

