ކުންފުނިތަކުގެ ހާލަތު ގޯސްވެ، ހަވާލުކުރެވިފައި ހުރި މަޝްރޫއުތައް ކުރިޔަށް ގެންގޮސްފައި ނުވާއިރު ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށް އެ ކުންފުނިތަކުން ފައިސާ ނަގައި މަސައްކަތް ސަބް ކޮންޓްރެކްޓުކޮށްފައި އެބަހުރިކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ބަޖެޓު ފާސްވެގެން ދާއިރު، ކޮންމެ އަދަދެއް ޖަހާފައި އޮތް ނަމަވެސް ރައްޔިތުންނަށް މުހިންމީ ތަރައްގީގެ މަޝްރޫއުއެއް ފެށި، އޭގެ ބޭނުން ހިފޭނެ ގޮތެއް ވުންކަމަށެވެ. ރިޔާޒް ވިދާޅުވީ ސަރުކާރުތަކުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެކިއެކި ނަންތައް ދީ މަޝްރޫއުތައް ކުރިޔަށް ގެންދާނެކަމަށް ބަޖެޓުގައި ހިމަނާފައި އޮތް ނަމަވެސް އެއްވެސް، މަސައްކަތެއް ނިންމާ ނުލެވުން ކަމަށެވެ. އަދި އޭނާއަކީ ކުރީ ސަރުކާރުގައި ވެސް ސިޔާސީ މަގާމެއްގައި ހުރި މީހެއްކަމަށްވުމާއި އެކު އެކަން ގާތުން ފެނިގެން ދިޔަކަމަށް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ މަޝްރޫއުތައް ނުގެންދެވޭކަމުގެ ޝަކުވާތައް ކުރާއިރު، ކުންފުނިތަކުގެ ހާލަތު އޮތް ގޮތާއި މެދު ވިސްނާލަން ޖެހޭ ކަމަށެވެ. އަދި ކުރީ ސަރުކާރުގައި އެތައް ކުންފުންޏެއްގެ ހާލަތު އެތައް ގޮތަކުން ގޯސްވިކަމަށް ރިޔާޒް ވިދާޅުވި އެވެ.
މަޝްރޫއުތައް ނުހިނގާ އޮތީ ކުންފުނިތަކުގެ އެތެރޭގެ ދަރަނީގެ ހާލަތުގެ ސަބަބުންތޯއާއި، އަދި އެ ކުންފުނިތައް ނުހިންގޭ ހިސާބަށް ދިޔައީ ހިންގުމުގައި ހުރި މައްސަލަތަކެއްގެ ސަބަބުންތޯ ސުވާލު ކުރުމުން ރިޔާޒް ވިދާޅުވީ އެންމެ ބޮޑު ގޯހަކީ މާލިއްޔަތު ގާނޫނާއި ހިލާފުވުން ކަމަށެވެ.
ރިޔާޒް ވިދާޅުވީ ކުންފުންޏަކަށް ނުވަތަ ބަޔަކަށް ފައިސާ ދޫކުރެވެން އޮންނަނީ ބިލްތަކަށް ކަމަށެވެ. އަދި އެއީ ހިނގާ މަޝްރޫއުއެއްކަން އެނގޭ ގޮތަށް ސައްހަ ލިޔެކިއުންތައް ފިނޭންސް މިނިސްޓްރީއަށް ފޮނުވައިގެން ފައިސާ ދޫކުރަން ޖެހުނު ނަމަވެސް އެއާއި ހިލާފަށް ފައިސާ ދޫކޮށްފައި އެބަހުރިކަމަށް ރިޔާޒް ވިދާޅުވި އެވެ.
ބިލްތަކެއްގެ މައްޗަށް ބަހާލާފަ.. މިސާލަކަށް ދަންނަވަނީ ނަމަ ކޮލަމްތަކަށް ބަހާލާފަ، ކޮލަމްތަކަށް ޖަހުމަށް ފަހު.. ވަކި ބިލެއް މި އޮންނަނީ.. މިކަމެއް ބަލާފައި، ހިނގާފައި އޮތް މަޝްރޫއުއެއްތޯ ބެލުމަށް ފަހު ފިނޭންސުން ފައިސާ މި ދޫކުރަނީ.. އެހެން ނަމަވެސް ވޭތުވެ ދިޔަ ސަރުކާރުތަކުން ވަނީ މާލިއްޔަތު ގާނޫނާއި ހިލާފަށް.. މި ބުނާ އުސޫލުތަކާއި ހިލާފަށް ދޫކޮށްފައި މި އޮންނަނީ.. އެހެންވެ ރައްޔިތަކާއި ހަމައަށް ބޭނުންވާ ކަންކަމެއް ނުކުރެވޭ..
މިސާލެއްގެ ގޮތުގައި އެކި ރަށްތަކުގައި މަގު ހެދުމުގެ މަސައްކަތް ކުރުމަށް ކުރީ ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލު ކުރާކަމަށެވެ. އެގޮތުން ބައެއް ދާއިރާތަކުގެ މަސައްކަތްތަކަށް 70 މިލިއަނުން ކުންފުންޏަށް ފައިސާ ދިނުމުން، އެހާ ހިސާބުން އެއަށް ވުރެ ކުޑަ އަގަކަށް އާރުޑީސީން ސަބްކޮންޓްރެކްޓު ކުރާކަމަށް ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ މިއީ އާރުޑީސީއަށް ދޫކޮށްފައިވާ ފައިސާކަމަށާއި، މަސައްކަތްތައް ކުރިޔަށް ގޮސްފައި ނެތް އިރު މިކަން ސަރުކާރުން ބަލައި ފިޔަވަޅު އަޅަން ވެސް ޖެހޭ ކަމަށެވެ.

