ކުރީގެ ސަރުކާރަކުން ދޫކޮށްފައިވާ ފްލެޓް ލިސްޓަކަށް، އަލަށް އަންނަ ސަރުކާރަކުން އަލުން މުރާޖަޢާކޮށް އެސެސްކުރަން އުޅުމަކީ މައްސަލައެއް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓް ލިބޭނެކަމަށް ކަނޑައެޅި ލިސްޓް މުރާޖަޢާކުރުމަށް ކޮމިޓީއެއް އެކުލަވާލި ކަމަށެވެ. އަދި އެ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކުން އެކަނި ވެސް ބޯހިޔާވަހިކަމަށް އޮތް ޑިމާންޑް ދެނެގަނެވުނު ކަމަށް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫއުއަކަށް ވެސް ހުޅުވާލުމާއި އެކު 25،000 އަށް ވުރެ ގިނަ ހުށަހެޅުން ލިބޭއިރު ޖުމްލަ ޙައްލެއް ނުގެނެސް ޝަކުވާތަކަށް ނިމުމެއް ނެތްކަމަށް ޝިފާޒް ވިދާޅުވިއެވެ.
އެންމެ ރަނގަޅުގޮތަކީ މީއޭ ބުނެ ދޫކޮށްލެވޭވަރުގެ ކަންކަމެއްނޫން އޭކީ… އިނގޭހާވެސް އެއްޗަކީ ޑިމާންޑް އެބައޮތްކަން…ފަންސަވީސްހާސް ހަތާވީސްހާސް ފޯމު އޮތުމުގެ މާނައަކީ ހަތާވީސްހާސް މީހުން ފްލެޓް ބޭނުންވެޔޭ ބޯހިޔާވަހިކަން ބޭނުންވެޔޭ
ކޮންމެ ސަރުކާރަކުން ވެސް ވެރިފިކޭޝަން ޕްރޮސެސްއެއް ހިންގުމާއި ދެކޮޅަށް ޝިފާޒް ވިދާޅުވީ، މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ގެއްލުން ވާނީ ރައްޔިތުންނަށް ކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ޙައްލެއް ގެނައުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން އަހަރުގެ ބަޖެޓު ފާސްކުރިއިރުވެސް އެންމެ ޙާއްޞަ އިސްކަމެއް ދީފައިވާ ދާއިރާއަކީ އެއީކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ. ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމޭއިރު، ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި އެންމެންގެ ޝަކުވާއަށްވެސް ނިމުމެއް އަންނާނެކަމަށެވެ.

