ދިވެހި ފުލުހުންގެ ހިދުމަތް(އެމްޕީއެސް) އިން ވަނީ އެ އިދާރާގެ ސައިބާ ކްރައިމް ސެންޓަރަށް ސެކިއުރިޓީ އެނަލިސްޓްގެ މަގާމަށް 4 މީހަކު ހޯދުމަށް އިއުލާންކޮށްފައެވެ.
ފުލުހުން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަގާމަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި 7000 ރުފިޔާ ލިބޭއިރު، ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 2700 ލިބޭނެއެވެ.
މީގެއިތުރުން، އިތުރު އެލަވެންސްގެ ތެރޭގައި، ނޮން-ޕްރެކްޓިކްސް އެލަވަންސްގެ ގޮތުގައި 2450 ރުފިޔާއާއި އިތުރު ގަޑީގެ ގޮތުގައި 4200 ރުފިޔާގެ އިތުރުން ދުވާލަކު ކޮއްތު ފައިސާގެ ގޮތުގައި 160 ރުފިޔާ ލިބޭނެއެވެ. އެގޮތުން، އަސާސީ މުސާރައާއި އެލަވަންސްތައް ހިމަނައިގެން މަހެއްގެ މައްޗަށް 22،000 އެއްހާ ރުފިޔާ ލިބޭނެއެވެ.
ސެކިއުރިޓީ އެނަަލިސްޓު މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ފުލުހުންގެ ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މޭޖްމަންޓް ސިސްޓަމްތަކާޢި، އިންޓްރޫޝަން ސިސްޓަމްތައް ފަދަ ފުލުހުންގެ އިދާރާއިން ބޭނުންކުރަމުންދާ ވަސީލަތްތަކުން ލިބޭ ސެކިއުރިޓީ އިންޒާރުތައް މޮނިޓާކުރުުމާއިއެކު އެ އިންޒާރުތަކުގެ ނުރައްކާތެރިކަމާޢި އޭގެ ސަބަބުން ކުރިމަތިވެދާނެ ކަންތައްތައް ދެނެގަނެ، އެ އިންޒާރުތަކުގެ ޓްރައިއޭޖްއެއް ކަނޑައެޅުން ހިމެނެއެވެ.
މީގެއިތުރުން، ސައިބާ ހާދިސާއެއް ހިނގި ތަންވަޅެއްގައި، އެ ހާދިސާގެ ތަފްސީލީ ރިޕޯޓުތައް ތައްޔާރުކުރުމާއި، ހާދިސާ ހިނގުމަށްފަހު ކުރެވޭ މުރާޖާތަކާއި އެއިން ލިބުނު ފިލާވަޅުތަކުގައި ބައިވެރިވެ އެކަންކަން ހިއްސާކުރުމުގެ އިތުރުން މޮނިޓަރ ކުރުމުގެ ތެރެއިން ލިބުނު އިންޒާރުތަކާއި އެކަމަށް އެޅުނު ފިޔަވަޅުތަކުގެ ސައްހަ އަދި ތަފްސީލް ރިކޯޑްތައް ބެލެހެއްޓުންވެސް ހިމެނެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކުގައި 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށް ވާން ޖެހޭނެއެވެ. އަދި މިދިޔަ ފަސް އަހަރު ތެރޭ މަނާކޮށްފައިވާ މަސްތުވާއެއްޗަކުން ދުރުވުމަށް ފަރުވާ ހޯދާފައިވާ މީހަކަށްވެސް ވެގެންނުވާނެއެވެ.
މި މަގާމަށް ކުރިމަތިލާ މީހާއަކީ ކޮމްޕިއުޓާ ސައިންސް، އޮންފޮމޭޝަން ސެކިއުރިޓީ ނުވަތަ ގުޅުން ހުުރި ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް ހަތެއް ނުވަތަ އަށެއްގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ ގުޅުން ހުރި ދާއިރާއަކުން ލެވެލް ފަހެއް ނުވަތަ ހައެއް ހާސިލުކޮށް، ގުޅުން ހުރި ދާއިރާއަކުން މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭއިރު، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކަށް ވުންވެސް މި ވަޒީފާގެ ޝަރުތުތަކުގައި ހިމެނެއެވެ.
މި މަގާމަށް ކުރިމަތިލާން ޝައުކުގުވެރިވާ ފަރާތްތަކަށް 16 ޖޫން 2025 ވާ ހޯމަ ދުވަހުގެ ހަވީރު 16:00 ގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ސައިބާ ކުށްތަކަށް ހާއްސަކޮށްގެން ވަކި ޑިޕާޓްމެންޓެއްގެ ގޮތުގައި ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރު ހުޅުވާ، އެ ސެންޓަރުގެ އޮޕަރޭޝަންތައް ފަށައިފައިވަނީ 1 ޑިސެމްބަރު 2021ގައެވެ. އޭގެފަހުން، ސައިބާ ކްރައިމްގެ ކުށްތައް އިތުރުވަމުންދިޔުމުގެ ސަބަބުން ފުލުހުންގެ ސައިބާ ކްރައިމްގެ އޮޕްރޭޝަންތައް ވަނީ މިދިޔަ އަހަރު ފުޅާކޮށްފައެވެ.

