1446 ވަނަ އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު(އެމްއެންޑީއެފް) ގެ ބޭންޑުގެ ހާއްސަ ހަރަކާތެއް މިރޭ ހުޅުމާލޭގައި ބާއްވަން ނިންމައިފިއެވެ.
މި މައުލޫމާތު އެމްއެންޑީއެފްއިން ދީފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެގޮތުން އެ ޕޯސްޓުގައިވާގޮތުން ބޭންޑުގެ ހަރަކާތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިރޭ 21:00 އިން 22:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި އަހަރުގެ އަޟްހާ އީދު މާލެ ސަރަހައްދުގައި ކުލަ ގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ޢީދުހަވީރު 1446″ ގެ ނަމުގައި 3 ދުވަހުގެ މުއްދަތަށް ހާއްސަ ހަރަކާތްތަކެއް އެމްއެންޑީއެފްއާއި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއިއެކު ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްއެންޑީއެފްއިން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
މި ހަރަކާތްތަކުގެ ތެރޭގައި ސިފައިންގެ ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން ބޭންޑުގެ ހަރަކާތްތައް ހިމެނެއެވެ.

