ރައީސް ޑރ މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާއާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން އާންމުކޮށްފައިވާގޮތުން ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ ތައުފީގް އެފް އަލް ރާބިޔާވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރާތެއް ކުރައްވާފައިކަމަށެވެ. އަދި މި ބައްދަލުވުމުގައި ރައީސް ޑރ މުއިއްޒުވަނީ އެ ގައުމުގެ ވެރިޔާ ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ އިތުރުން ޕްރިންސް އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަބްދުލް އަޒީޒް އަލް ސައުދަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ޝުކުރު އަދާކުރެއްވީ ރާއްޖޭގެ ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށާއި ދީފައިވާ ރަނގަޅު ހިދުމަތްތަކަށެވެ. އަދި އެމަނިކުފާނުވަނީ މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ބައިވެރިކުރުމުން ފަސޭހަތަކެއް ލިބިފައިވާކަމަށްވެސް ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނުވަނީ ހައްޖުވެރިންގެ އިންތިޒާމުތައް ހަމަޖައްސަވާފައިވާގޮތަށްވެސް ތައުރީފް ކުރައްވާފައެވެ.

