އަރމޭނިއަން ޔޫތު އޯޕަން މުބާރާތުގައި ބައިވެރިވެ، 3 ރަން މެޑަލް ހާސިލުކުރި ލައިބާ އަހްމަދު މަޙްލޫފަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.
ރައީސް މުއިއްޒުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައިނަލްއަޣްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ ހޯދި ކާމިޔާބީއަކީ ދިވެހި ގައުމަށް ލިބޭ ވަރަށް ބޮޑު ފަޙުރެއްކަމަށެވެ.
މީގެއިތުރުން، ލައިބާއަކީ ބެޑްމިންޓަން ކުޅިވަރުގައި ރަނގަޅު މުސްތަގްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއްގެ ގޮތުގައި ބެލެވޭނެ ކުޖެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ލައިބާއަށް މުސްތަގްބަލުގައި އިތުރު ކާމިޔާބީއާއި ރަން ވަނަތަކަށް އެދޭކަމަށެވެސް ރައީސް ވިދާޅުވިއެވެ.
ލައިބާ ހޯދި 3 ރަން މެޑަލްތަކަކީ، އަރމޭނިއަން ޔޫތު އޯޕަން މުބާރާތުގެ ސިންގަލްސްއާއި މިކްސްޑު ޑަބަލްސްގެ އިތުރުން ޑަބަލްސް އިން ވާދަކޮށްގެން ހޯދި މެޑަލްތަކަކެވެ.

