މަޖިލީހުގައި އެކަށީގެންވާ ޖާގައެއް ނުދީ، އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ މެމްބަރުންނަށް ޖާގަ ނުދީ ހިފަހައްޓާ ތުހުމަތަކީ އިދިކޮޅުގެ ހިޔާލީ ވާހަކަތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޒަރީރު ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގައި އިދިކޮޅުގެ ހައިސިއްޔަތުން ވާހަކަ ދެއްކުމަށް ޖާގައާއި ފުރުސަތު ނުދޭކަމަށް ބުނާ ވާހަކައިގައި ހަގީގަތެއް ނެތްކަމަށެވެ. އަދި އެމްޑީޕީން ކުއްލި މައްސަލަތަކާއި ގަރާރުތައް ހުށަހަޅާ ސަބަބަކީ ޒަރީރު ވިދާޅުވި ގޮތުގައި މަޖިލީހުގެ ވަގުތު ނަގާލައި އުނދަގޫކޮށް ޖެއްސުން ކުރުމެވެ.
ޒަރީރު ވިދާޅުވީ ކޮންމެ ކުއްލި މައްސަލައަކަށް ނަޒަރު ހިންގާލިއަސް، އޭގައި ރައްޔިތުންނާއި ގުޅުން ހުރި އެއްވެސް ވާހަކައެއް ނޯންނަކަމަށާއި ހިމަނާފައި ވާނީ ސަރުކާރާއި މެދު ކޮންމެވެސް ނަފްރަތެއް އުފެދޭ ތުހުމަތެއް ކަމަށެވެ.
އިދިކޮޅުން ހުށަހަޅާ ހައްސަސާސް މައްސަލަތައް ބަލައިގަންނަކަން ފާހަގަކޮށް ޒަރީރު ވިދާޅުވީ، ގަރާރުތަކާއި އިސްލާހުތައް ބަލައިގަނެ އެ ފާސްކޮށްފައިވެސް ވާނެކަމަށެވެ. އަދި އިދިކޮޅު މެމްބަރުން ތިއްބަވާ މަޖިލީސް ކޮމިޓީތަކަށް ހުށަހަޅާފައި ހުރި މައްސަލަތައް ބަލައި ހާޒިރު ކުރަން ޖެހޭ ފަރާތްތަކާއި ސުވާލުކޮށް ޖަވާބުދާރީ ކުރުވާފައި ވާނެކަމަށް ޒަރީރު ވިދާޅުވި އެވެ.
މަޖިލީހުގައި ފުރުސަތެއް ނުދޭކަމަށް ނުވަތަ ޕީއެންސީ ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށް ދެކެވޭ ވާހަކައަކީ އެމްޑީޕީގެ ހިޔާލީ ތުހުމަތުތަކެއްކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ހުށަހެޅުމުން، އެއީ ވަކި ބަޔަކުގެ ހުށަހެޅުމަކަށް ވީތީ ހިފަހައްޓާފައި ނުވާނެކަމަށެވެ.
ކިތައް މައްސަލަތޯ އެގޮތަށް ކުއްލި މައްސަލައިގެ ގޮތުގައި ހުށަހެޅުމުން ބަލައިގަތީ.. އެންމެ ފަހުން އަޅުގަނޑުމެން ފާސްކުރި އިމިގްރޭޝަނާއި ބެހޭ ގާނޫނު.. ހަމަ އިދިކޮޅު ފަރާތްތަކުން ހުށަހެޅި އިސްލާހެއް.. އެހެންވީމަ އެހެން ބުނެވޭކަށް ނެތެއްނު.. ހަމަ ޕިއެންސީގެ ހުރިހާ މެމްބަރުންގެ ވޯޓު ދީގެން..
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ނުފޫޒު އެބައޮތްކަމަށާއި، ބިލުތައް ހުށަހަޅައި ފާސްކުރަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށްކަމަށް އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރެ އެވެ. އަދި މަޖިލީހުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވި، ބިލުތައް ފާސްކުރަމުން ދަނީ ރަބަރ ސްޓޭމްޕް ޖަހާ އުސޫލުންކަމަށް ވެސް ބުނެފައި ވެއެވެ.
ބައެއް މެމްބަރުންގެ ވާހަކައިގައި ވަނީ ރިޔާސަތުގައި ހުންނަވައި އަބްދުއްރަހީމް ވެސް، އެކަންކަމަށް ޖާގަ ދެއްވާފައިވާކަމަށާއި އަބްދުއްރަހީމް ވެސް މަޖިލިސް ހިންގަވަނީ ރައީސް އަންގަވާ ގޮތަށްކަމަށް ތުހުމަތު ކުރައްވާފަ އެވެ.

