މިނިސްޓްރީ އޮފް ހެލްތުއާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލާއި ކުޅުއްދުފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން އޮޕްރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.
މި ކޭމްޕު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުއްދަތަކީ، ޖޫން 12 އިން 14 ޖޫންގެ ނިޔަލަށް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައެވެ.
މި ކޭމްޕުގައި ކާފާލައިގެން އަދި ލޯވަޅުއަޅައިގެން ކޮށް އޮޕްރޭޝަން ކުރުމާއި ފަސޭހަނުވެ ގިނަ ގުނަދުވަސްވެފައި ހުންނަ ފާރުގަނޑުތަކަށް ފަރުވާދިނުމާއި ޕްލާސްޓިކް ސާރޖަރީގެ ހިދުމަތްތައް ލިބިގެންދާނެއެވެ.
މީގެއިތުރުން، ކެންސަރުބަލިގެ އޮޕަރޭޝަންގެ ހާއްސަ ހިދުމަތާއި، ބަރުދަން ލުއިކުރުމާއި ގޮހޮރުގެ ބަލިތަކުގެ އޮޕަރޭޝަންތަކުގެ ޑޮކްޓަރުގެ ހިދުމަތާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ހިދުމާތާއި ނާރުގެ ބަލިތަކުގެ އޮޕަރޭޝަން ޑޮކްޓަރުންގެ ހިދުމަތްތައް ލިބިގެންދާނެއެވެ. އަދި ނުފިލާހުންނަ ތަދުތަކަށް ފަރުވާ ދިނުމުގެ އިތުރުން ޑޮކްޓަރުން އޯޕީޑީގައި ބަލި މީހުން ބެއްލެވުމުގެ ހިދުމަތްތައްވެސް ލިބިގެންދާނެއެވެ.
މި ކޭމްޕުން ދޭ ހިދުމަތްތަކުގެ ތެރެއިން އޮޕަރޭޝަން ނުވަތަ ކޮޑްޓަރަށް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކުން 1 ޖޫން 2025 ވަނަ ދުވަހުގެ 1600 ފެށިގެން ކުޅުދުއްފުށި ހޮސްޕިޓަލުގެ ނަންބަރު 6528864އަށް ގުޅުއްވައިގެން ނަން ނޯޓުކުރެވޭނެކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ހޮސްޕިޓަލުގެ ޕޭޝަންޓް ޕޯޓަލް https://krh.gov.mv މެދުވެރިކޮށްގެންވެސް ނަންނޯޓު ކުރެވޭނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ހެލްތު ކޭމްޕްތައް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަގްސަދަކީ، ސިއްހީ ހިދުމަތްތައް ލިބިގަންނަން ދަތި ސަރަހައްދުތަކަށް އެ ހިދުމަތްތައް ފޯރުކޮށްދެވޭނެ މަގުފަހިކޮށްދިނުމެވެ. މިފަދަ ކޭމްޕެއް ވަނީ މިދިޔަ އަހރު ޓްރީޓޮޕް ހޮސްޕިޓަލުން ތިނަދޫގައި ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، މި ކޭމްޕުގައިވެސް ސިއްހީ އެކި ބަލިތަކަށް ފަރުވާދިނުމުގެ ހިދުމަތްތައް ވަނީ ފޯރުކޮށްދީފައެވެ.

