ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރުގައި ހުރި މީހެއްގފެ މައްޗަށް ޑްރަގް ޓްރެފިކިންގެ ދައުވާ އުފުލާފައި ވަނިކޮށް، ޓެގު އަޅުވައި ދޫކޮށްލުމަށް އެދެން ނިންމާފައިވާކަމަށް ކޯޓުގައި ބުނެފި އެވެ.
މިއީ މި އަހަރުގެ ކުރީކޮޅު މަސްތުވާތަކެއްޗާއި އެކު މާލެއިން ހައްޔަރު ކުރި، ތިން މީހެއްގެ ގުރޫޕެއްގައި ހިމެނޭ އުމުރުން 46 އަހަރުގެ މީހެއްގެ މައްސަލައެކެވެ.
އައްޑޫ މަރަދޫފޭދޫ، ނަސީމީގޭ، މުހައްމަދު ޝާނީޒް މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. އަދި އޭނާއި އެކު ހައްޔަރު ކުރި މީހުންގެ އަތުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައި ވެއެވެ.
މި މައްސަލައިގައި ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއި އެކު ދެން ހައްޔަރު ކުރީ، 39 އަހަރުގެ މ. ސައިރަސް، މުހައްމަދު ތިބާގްއާއި، 35 އަހަރުގެ ވ. ރަކީދޫ، ޖަންބުގޭ ފަރީދާ އަބްދުއްރަހްމާނެވެ.
ޓެގު އަޅުވައި ދޫކޮށްދިނުމަށް ޝާނީޒް އެދުނު އިރު އޭނާގެ މައްޗަށް ޑްރަގް ޓެރެފިކިންގެ 04 ދައުވާގެ އިތުރުން، އެހެން ދެ ދައުވާއެއް ވެސް އުފުލާފައި ވެއެވެ. އަދި ޓެގު އަޅުވައި ދޫކޮށްލުމަށް އޭނާގެ ފަރާތުން އެދިފައި ވަނީ ދައުވާ އުފުލާފައިވީ ނަމަވެސް މައްސަލަ ބަލާނެ ސެކްޝަނެއް ކަނޑައަޅާފައި ނުވާތީ އެވެ.
މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ނިންމެވީ، ޝާނީޒް އިތުރު 30 ދުވަހަށް ބަންދު ކުރުމަށެވެ. ޓެގު އަޅުވައި ދޫކޮށްދޭން އެދޭނެކަމަށް ޝާނީޒްގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު ކޯޓުގައި ބުނި ނަމަވެސް އެ އުސޫލުގެ ދަށުން ދޫކުރާ މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ޓްރެފިކިންގެ ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުން ނުހިމެނޭނެ އެވެ. އަދި ޓެގު އަޅުވައި ދޫ ނުކުރެވޭނެ މީހުންގެ ތެރޭގައި ޑްރަގް ޓްރެފިކިންގެ ތުހުމަތު ކުރެވޭ މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯބާ ކުރާ މީހުން އަދި ޓެރަރިޒަމްގެ މައްސަލަތަކާއި މަރުގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ހިމެނެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭއިރު، ގިނަ ދުވަސް އެކަމުގައި ހޭދަވާތީ ވާނުވާ ބަންދުގެ މައްސަލަ ނިމުމަކަށް ގެނެސް ހައްލު ކުރުމަށް މީހުން ޓެގް އެޅުވުމަށް ފަހު ދޫކުރަން ނިންމައި ބައެއް މީހުން ވަނީ ދޫ ކޮށްލައިފަ އެވެ.

