ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލިފައިވާކަމަށް އިންވެސްޓަރުންނަށް ފެނިގެންދާނަމަ އިންވެސްޓްމެންޓުތައް އައުން ހުއްޓިގެންދިއުމުގެ ފުރުސަތު އޮތްކަމަށް ބައިނަލްއަގުވާމީ ބާ އެސޯސިއޭޝަންގެ އިންސާނީ ހައްގުތަކާއި ބެހޭ އިދާރާގެ ކޯ ޗެއަރ މާރްކް ސްޓީވެންސް ބުނެފިއެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކުރި މައްސަލައިގައި ބައިނަލްއަގުވާމީ ބާ އެސޯސިއޭޝަންގެ އިންސާނީ ހައްގުތަކާއި ބެހޭ އިދާރާއިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން އެ އެސޯސިއޭޝަންގެ އިންސާނީ ހައްގުތަކާއިބެހޭ އިދާރާގެ ކޯ ޗެއަރ މާކް ސްޓީވެންސްވަނީ ފަޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒްއާއި ދެކޮޅަށް ކުރަމުންދާ ހުރިހާ މަސައްކަތްތަކެއް ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ކުރިމަގުގައި ޝަރުއީ ދާއިރާގެ ނިންމުމެއް ނިންމާއިރު އެއީ ދާއިރާގެ މިނިވަންކަމަށް އިހުތިރާމްކުރެވޭ ގޮތަށް ނިންމާ ކަމެއްކަން ކަށަވަރުކުރުމަށްވެސް ބާރުއަޅާފައިވާއިރު ފަނޑިޔާރުންގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަނޑަށް ފެތިގެންދާގޮތަށް ހުރިހާ މަސައްކަތްތަކެއް އިތުރަށް ހަރުދަނާކުރުމަށްވެސް ގޮވާލާފައިވާކަން ފާހަގަކުރެވެއެވެ.
ސްޓީވެންސް ބުނެފައިވާގޮތުން ފަނޑިޔާރު މަހާޒް އަދި އަޒްމިރަލްދާ ވަކިކުރުމުގެ މަސައްކަތްތައް ކުރެވިގެންދިޔައީ އެކމުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމަށް ނުރައްކާތައް ކުރިމަތިވެގެންދާ ގޮތަށެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ މިންގަނޑުތައްވެސް އޮތީ ސާފުކޮށް ބަޔާންކޮށްފައިކަމަށާއި ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތްތައް ކުރެވޭނީ ކަނޑައެޅިފައިވާ ހަމަތަކެއްގެ މަތިން އެކަނިކަމަށް އަލިއެޅުވިއެވެ. އޭނާ ބުނެފައިވާގޮތުން އެ ހަމަތަކަކީ ފަނޑިޔާރުންނަށް ލިބިދީފައިވާ ހާއްސަ ހައްގުތަކެއް ނޫންކަމަށާއި އެއީ އާންމުންނަށް ލިބިދީފައިވާ އިންސާފު ގާއިމުކުރެވިގެންދާނެކަމުގެ ގެރެންޓީއެއްކަމަށެވެ.
ދެ ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާއިރު ބާ އެސޯސިއޭޝަނުންވަނީ އެއީ ހުއްޓުވެންޖެހޭ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެއީ އޮންނަ އުސޫލުތަކާއި ހިލާފަށް ކުރެވިފައިވާ މަސައްކަތްތަކެއްކަމަށްވުމުން އެކަމުގެ އަސަރުތައް ވަރަށް ދުރަށް ފޯރުމުގެ ފުރުސަތުތައް އޮންނަކަމަށް އިޝާރާތްކުރިއެވެ. މިގޮތުން ގާނޫނީ ހަމަތަކަށް އިހްތިރާމްކުރުމާއި ގައުމަކަށް ލިބޭ އިންވެސްޓްމެންޓުތަކާއި ގުޅުންތަކެއްވާކަން ވޯލްޑް ބެންކާއި އޮކްސްފޯޑް ޔުނިވާރސިޓީ ފަދަ ތަންތަނުގެ ދިރާސާތަކުން ދައްކާއިރު، ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމަށް އިިތުބާރު ނެތްކަމަށް އިންވެސްޓަރުންނަށް ފެނިއްޖެ ހާލަތެއްގައި ރާއްޖެއަށް އިންވެސްޓްކުރުން ހުއްޓިގެންދިއުން އެކަށީގެންވާކަމަށް ބުނެފައިވެއެވެ.

