ހއ. ހޯރަފުށީގައި ތަރައްގީކުރަމުންދާ ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް މެދުކަނޑާލައި، އެތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ހޯރަފުށީގައި ގާއިމުކުރަމުންދާ މި ޕްލާންޓަކީ، ހޯރަފުށީ ކައުންސިލާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ޖޮއިންޓް ވެންޗަރ އުސޫލުން ހިންގާ މަޝްރޫއެކެވެ. މި ޕްލާންޓް އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް ކައުންސިލުން ކުރިން ބުނެފައިވާއިރު، ފެނަކައިން ދީފައިވާ ޔަގީންކަމާ ޚިލާފަށް މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
”މިފަދަ ޕްލާންޓުތަކަކީ ރަށްރަށުގެ އިގްތިސާދަށް ދިރުން ގެނެސްދީ، އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ޕްރޮޖެކްޓްތަކެއް،“ އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ޕްރޮޖެކްޓު ހުއްޓާލުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ބޮޑު ނިކަމެތިކަމެއް ކަމަށާއި، އިގްތިސާދީ ނަފާ ހޯދުމަށް ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސްއެޅުމުގެ ހެއްކެއް ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް، ފެނަކައިން ސަންގަށް ދީފައިވާ މައުލޫމާތުގައި، ޕްލާންޓްގެ ގިނަ މަސައްކަތްތަކެއް ވަނީ ނިމިފައި ކަމަށާއި، ހުރިހާ މެޝިންތަކެއްވެސް ވަނީ ގެނެސްފައި ކަމަށް ބުނެފައިވެއެވެ. މި ޕްލާންޓުގައި ދުވާލެއްގެ މައްޗަށް 10،000 ފުޅި ޕެކް ކުރެވޭނެ ކަމަށާއި، އެންމެ ޒަމާނީ ފެން ތަހުލީލު ކުރެވޭނެ ލެބޯޓްރީއެއްވެސް ވަނީ ގާއިމްކޮށްފައި ކަމަށް ފެނަކައިން މައުލޫމާތު ދީފައިވެއެވެ.
އެމްޑީޕީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިޔާސީ ބޭނުމަށް ޕްރޮޖެކްޓުތައް ހުއްޓާލާ ކަމަށް ތުހުމަތުކޮށް، ހޯރަފުށީގެ ބޮޓްލިންގ ޕްލާންޓްގެ މަސައްކަތް ހުއްޓާނުލުމަށާއި ވަޒީފާތައް އަނބުރާ އިޔާދަކުރުމަށް ގޮވާލައިފައެވެ. ފެނަކައިގެ މައުލޫމާތުން އެނގޭގޮތުގައި، މި ޕްލާންޓް ހުޅުވުމަށް މިހާރު މަދުވަނީ ހަމައެކަނި ފެން ރައްކާކުރާނެ ސްޓޯރޭޖް ބިލްޑިންގ އެކަނި ކަމަށްވެއެވެ.

