ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މިޔަރާއި މަޑިއަކީ ކަނޑުގެ ދިރުންތަކުގެ ތެރެއިން އެންމެ މުހިއްމު ބައެއް ކަމަށާއި، މި ދިރުންތައް ރައްކާތެރިކުރުމަކީ ކަނޑުގެ ދިރުންތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ތާރިޤް މިފަދައިން ވާހަކަފުޅު ދައްކަވާފައިވަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ މިޔަރާއި މަޑި ސަލާމަތްކުރުމަށް އެކުލަވާލެވުނު ގްލޯބަލް ކޯލިޝަން ތަޢާރަފުކުރުމަށް ބޭއްވުނު ސައިޑް އިވެންޓެއްގައެވެ.
މިޔަރާއި މަޑި ރައްކާތެރިކުރުމަކީ ކަނޑުގެ ދިރުންތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވަމުން، ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މިޔަރާއި މަޑި ރައްކާތެރި ކުރުމަށް ރާއްޖެއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިގޮތުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މި ދިރުންތައް ހިފުން މަނާކުރުމާއި، އެ ދިރުންތައް އުޅޭ ސަރަހައްދުތައް ޙިމާޔަތްކުރުން ހިމެނޭކަން މިނިސްޓަރ ތާރިޤް އިބްރާހީމް ފާހަގަކުރެއްވިއެވެ.
ނެތިދިއުމުގެ ބިރު ހީވެފައިވާ މިޔަރާއި މަޑި ސަލާމަތްކުރުމަށް އެކުލަވާލެވުނު ގްލޯބަލް ކޯލިޝަންގައި ރާއްޖެ ބައިވެރިވެ، މި މަސައްކަތުގައި އިސް ދައުރެއް އަދާކުރަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ކޯލިޝަންގެ މަޤްޞަދަކީ ދުނިޔޭގެ ފެންވަރުގައި މިޔަރާއި މަޑީގެ ނަސްލު ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުމެވެ.

